Last Updated: July 17, 11:13
Friday, July 17, 2026
ކުޅިވަރު

ނޭމާ އަށް ސްވިޒަލޭންޑް މެޗުގައި ނުކުޅެވޭނެ

ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް އިން ގްރޫޕް ސްޓޭޖުގައި ދެން ކުޅޭ މެޗެއްގައި އެޓީމުގެ ފޯވާޑް ނޭމާ އަށް ނުކުޅެވޭނެ ކަމަށް އެޓީމުގެ ޑޮކްޓަރު ބުނެފި އެވެ.

ވޯލްޑް ކަޕްގައި ރޭ ސާބިޔާ އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗުގެ 80 ވަނަ މިނެޓްގަައި ނޭމާގެ ފަޔަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. ބްރެޒިލް އިން ގްރޫޕް ސްޓޭޖުގައި ދެން ބައްދަލުކުރާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ.

ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުނީ ނޭމާގެ އިތުރުން އެޓީމުގެ ފުލްބެކް ޑެނީލޯގެ ފަޔަށް ވެސް އަނިޔާވެފައިވާ ކަމަށާއި ދެ ކުޅުންތެރިން ވެސް މިހާރު އަނިޔާ އިން ރަނގަޅު ވާން މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ ކަމަށާއި އަމާޒަކީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ދެ ކުޅުންތެރިން ވެސް އަނިޔާ އިން ރަނގަޅު ކުރުން ކަމަށް ލަސްމާ ބުންޏެވެ.

ރޭގެ މެޗުން ބްރެޒިލް މޮޅުވިއިރު އެޓީމުގެ ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ރިޗާލިސަން އެވެ.

ފާއިތުވި އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ނޭމާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ނޭމާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި ނުކުޅެވުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭނާ ކުޅުނީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ.

ވޯލްޑް ކަޕާ ނޭމާ މިފަހަރު ކުރިމަތިލީ ރަނގަޅު ފޯމެއްގައި ހުރެ އެވެ. އެގޮތުން ޕީއެސްޖީ އަށް މި ސީޒަނުގައި ކުޅެދިން 20 މެޗުގައި އޭނާ ވަނީ 15 ގޯލް ކާމިޔާބުކޮށްފަ އެވެ.