ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ހަތަރުވަނަ މެޗުގައި މިރޭ އިންގްލެނޑް އާއި އެމެރިކާ ބައްދަލުކުރާއިރު މިއީ ދެ ޓީމަށް ވެސް ހާއްސަ މެޗެކެވެ. މި މެޗުން މޮޅުވެގެން އިންގްލެންޑް ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރެވެން އޮތްއިރު މުބާރާތުގައި ދެމި އޮތުމަަށް އެންމެ ކުޑަ މިނުން ޕޮއިންޓެއް މިރޭ އެމެރިކާ އަށް މުހިއްމެވެ.
ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން އިންގްލެންޑް މުބާރާތް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ މެޗުގައި ވެސް އިރާން އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އެމެރިކާ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޭލްސްއާ ކަމަށްވާއިރު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިވަގުތު އިތުބާރާއެކު އޮތް އިންގްލެންޑް ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް އެފަދަ ކުޅުމެއް އިންގްލެންޑުން މިރޭ ވެސް ތަކުރާރު ކުރަންޖެހެ އެވެ. ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ނަމަވެސް ބައިކޮޅަށް ދެ ގޯލް ވަނުމުން އެކަމުގެ ހިތްހަމަނުޖެހުން އިންގްލެންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ވަނީ ފާޅުކޮށްފަ އެވެ. އިރާނަށް ވުރެ އެމެރިކާގެ ފަރާތުން އިންގްލެންޑަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށް ބެލެވޭއިރު ބައިނަލްއަގުވާމީ މެޗެއްގައި އެމެރިކާ އަތުން އިންގްލެންޑް މޮޅެއް ހޯދިފައެއް ނުވެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އެމެރިކާގެ ފަރާތުން ދެ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ދެ ކުޅުމެކެވެ. އެގޮތުން ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެމެރިކާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ މެޗުގައި ލީޑު ނެގީ ވެސް އެމެރިކާ އިންނެވެ. ނަމަވެސް ދެވަނަ ހާފްގައި އާދައިގެ ކުޅުމެއް އެމެރިކާގެ ފަރާތުން ފެނިގެންދިޔުމުގެ ނަތީޖާއަކީ ވޭލްސް އިން ގޯލެއް ޖަހައި އެމެރިކާ އަތުން ޕޮއިންޓެއް ހޯދުމެވެ. ނަމަވެސް އިންގްލެންޑާއި ދެކޮޅަށް ކުޅޭއިރު އެމެރިކާ އިން ބޮޑުތަނުން ކުޅުން ރަނގަޅު ކުރަންޖެހޭއިރު އެޓީމުގެ ކުރީގައި ހަރަކާތްތެރިވަނީ އިންގްލެންޑްގެ ފަހަތަށް އުނދަގޫތައް ކޮށްލެވޭނެ ފަދަ ކުޅުންތެރިންނެވެ.
އިންގްލެންޑް
އިންގްލެންޑަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މިހާތަނަށް މޮޅުވެވިފައިވަނީ އެންމެ ތިން މުބާރާތެއްގަ އެވެ. އެއީ 1982، 2006 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.
އިންގްލެންޑުން ވަނީ އެމެރިކާއާ ދެކޮޅަށް މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފަ އެވެ. އެ 11 މެޗުގައި ޖުމްލަ 39 ގޯލް އިންގްލެންޑުން ކާމިޔާބުކޮށްފައިވާއިރު އިންގްލެންޑް އެންމެފަހުން އެމެެރިކާ އަތުން ބަލިވީ 1993 ވަނަ އަހަރު އެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ވަނަ އަހަރު އެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ އިންގްލެންޑުންނެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން އަށް ނުކުޅެވޭނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް އަނިޔާގެ ސަބަބުން މެޑިސަން ކުޅެފައެއް ނުވެ އެވެ.
އެމެރިކާ
އެމެރިކާ އިން އެންމެފަހުން ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ދެވަނަ ބުރަށް ދަތުރުކުރީ އިންގްލެންޑް ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައިގެންނެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ދެވަނަ ބުރުން ޖާގަ ހޯދީ ޕޯޗުގަލް ކަޓުވާލުމަށްފަހު އެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އެމެރިކާ އިން ކުޅުނު 18 މެޗުގައި ވެސް އެޓީމަށް ކްލީންޝީޓެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން އެ މެޗުތަކުގައި ޖުމްލަ 32 ގޯލް އެޓީމު ކޮޅަށް ވަދެފައިވެ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް އެމެރިކާ ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުން
މިއީ ވޯލްޑް ކަޕްގައި މި ދެ ޓީމުން ބައްދަލުކުރާ ތިންވަނަ ފަހަރެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެގޮތުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އިން 1-0 އިން އިންގްލެންޑް ބަލިކުރިއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އިންގްލެންޑާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.