Last Updated: July 17, 10:59
Friday, July 17, 2026
ކުޅިވަރު

ނެދަލޭންޑްސް-އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައި މިރޭ ނެދަލޭންޑްސް އާއި އިކުއެޑޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް ގަތަރު ވެއްޖެ އެވެ.

މި ގްރޫޕްގައި ކޮންމެ ޓީމަކުން ވެސް މިހާރު ދެ މެޗު ކުޅެފައިވާއިރު ނެދަލޭންޑްސް އާއި އިކުއެޑޯ އަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސެނެގާލް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މުބާރާތުން ކެޓި ގަތަރަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕްގެ ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އިކުއެޑޯ އަށް އޮތްއިރު، ސެނެގާލަށް ދެވަނަ ބުރަށް ދެވޭނީ ފަހު މެޗުން އިކުއެޑޯ ބަލިކޮށްގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި ނެދަލޭންޑްސް ބައްދަލުކުރާނީ ގަތަރާ އެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓްގައި ކޯޑި ގަކްޕޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފަ އެވެ. ގަކްޕޯ މި ގޯލް ކާމިޔާބުކުރީ އިކުއެޑޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 23 އަހަރުގެ ގަކްޕޯ ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ނެދަލޭންޑްސްގެ މި ގޯލަށްފަހު އިކުއެޑޯ އިން ކުޅުން ރަނގަޅުކޮށް ވަނީ ނެދަލޭންޑްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން އިކުއެޑޯގެ އެނާ ވެލެންސިއާ ދުރުން ފޮނުވާލި ބާރު ހަމަލާ ފާހަގަކޮށްލެވޭއިރު އެ ހަމަލާ ހުޝިޔާރުކަމާއެކު ނެދަލޭންޑްސްގެ ގޯލްކީޕަރު ނޮޕާޓް ވަނީ މަތަކޮށްފަ އެވެ.

ނެދަލޭންޑްސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ވެލެންސިއާ ވަނީ އިކުއެޑޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ މި ވޯލްޑް ކަޕްގައި ވެލެންސިއާ ކާމިޔާބުކުރި ތިންވަނަ ގޯލު ކަމަށްވާއިރު ވޯލްޑް ކަޕްގައި އިކުއެޑޯ އިން އެންމެފަހުން ކާމިޔާބުކުރި ހަ ގޯލް ވެސް ކާމިޔާބުކޮށްދީފައިވަނީ ވެލެންސިއާކަން ފާހަގަކޮށްލެވެ އެވެ.

މި ގޯލަށްފަހު ވެސް އިކުއެޑޯ އިން ދިޔައީ ނެދަލޭންޑްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓްގައި އިކުއެޑޯގެ ޕްލާޓާ ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. މި ހަމަލާއަށްފަހު ދެ ޓީމުން ކުރެ ޓީމަކަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް މި ހާފުގައި ލިބިފައެއް ނުވެ އެވެ.

ގްރޫޕް އޭގެ ފަހު މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ.