Last Updated: July 17, 10:59
Friday, July 17, 2026
ކުޅިވަރު

އިންގްލެންޑް އަތުން އެމެރިކާ އަށް ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީ ގައި މިރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު އިންގްލެންޑް މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައި އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު އިރާން އޮތް އިރު ތިންވަނައިގައި ދެ ޕޮއިންޓާ އެކު އޮތީ އެމެރިކާ އެވެ. އަދި ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ވޭލްސް އެވެ.

ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފްގައި އެމެރިކާ އަށް ވަނީ ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ވެސްޓަން މެކެނީ ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު ކްރިސްޓިއަން ޕުލިސިޗް ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ހާފުގައި އިންގްލެންޑުން ވެސް ވަނީ ގޯލްޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ހެރީ ކޭން ފޮނުވާލި ހަމަލާއެއް އެމެރިކާގެ ޑިފެންޑަރަކު ދިފާއުކުރިއިރު ހާފްގެ ފަހު ވަގުތުކޮޅުތެރޭ މޭސަން މައުންޓް ދުރުން ފޮނުވާލި ހަމަލާ ދިފާއުކުރީ އެމެރިކާގެ ގޯލްކީޕަރު ޓާނާ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް އެމެރިކާ އިން ރަނގަޅަށް ކުޅުނު އިރު މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.

މިއީ ވޯލްޑް ކަޕްގައި އިންގްލެންޑުން ގޯލެއް ނުޖެހި ނިންމާލި 12 ވަނަ މެޗު ކަމަށްވާއިރު މިއީ ވޯލްޑް ކަޕްގެ ރެކޯޑެކެވެ. އަދި މިއީ ވޯލްޑް ކަޕްގައި އެމެރިކާ އިން ލަނޑެއް ނުޖެހި ނިންމާލީ ފުރަތަމަ މެޗުވެސް މެ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ ވޭލްސްއާ އެވެ. އަދި އެމެރިކާ ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.