އަގުބޮޑު ހަދިޔާތަކުގެ ބަދަލުގައި ބޭނުންވަނީ ސަޕޯޓަރުންގެ ސަޕޯޓް ކަމަށް ސައުދީ އަރަބިއްޔާގެ ފޯވާޑް ސަލާހް އަލްޝެހްރީ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީން ވަނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ އާޖެންޓީނާ 2-1 އިން ބަލިކޮށްފަ އެވެ. އެ މެޗުން މޮޅުވުމުން ސައުދީ ކުޅުންތެރިންނަށް އެގައުމުގެ ސަރުކާރުން ރޯލްސް ރޮއިސް ކާރު ދިނުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފަ އެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ޕޮލެންޑާ ދެކޮޅަށް ސައުދީން ނިކުންނައިރު އަލްޝެހްރީ ބުނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި ޓީމަށް ހަމައެކަނި ބޭނުންވަނީ އަމިއްލަ ގައުމުގައި ތިބި ސަޕޯޓަރުންގެ ސަޕޯޓް ކަމަށެވެ. އަދި އަދި ވޯލްޑް ކަޕްގައި ކުޅުމަކީ ވެސް ގައުމަށް ހިދުމަތް ކުރުން ކަމަށާއި އެކަން ވީ އެންމެ ރަނގަޅަށް ކުރުމަކީ ލިބޭ ކާމިޔާބެއް ކަމަށްވެސް އޭނާ ބުންޏެވެ.
ސައުދީގެ ކޯޗު ހާވޭ ރެނާޑް ވެސް ވަނީ ކުޅުންތެރިންނަށް އަގުބޮޑު ހަދިޔާތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ސައުދީގައި އޮންނަނީ ވަރަށް ސީރިއަސް ފުޓްބޯޅަ އެސޯސިއޭޝަނަކާއި އަދި ކުޅިވަރު ވުޒާރާއެއް ކަމަށާއި މިއީ ހަދިޔާ ހޯދަންވީ ވަގުތު ނޫން ކަމަށެވެ.
"އަހަރެން އަދި މޮޅުވީ އެންމެ މެޗަކުން. ކުރިއަށް އަދި އެބައޮތް މުހިއްމު ދެ މެޗު ކުޅެން. އުއްމީދަކީ އިތުރު މޮޅުތަކެއް ހޯދުން." ރެނާޑް ބުންޏެވެ.
މިރޭ ޕޮލެންޑްގެ މައްޗަށް ސައުދީން ކުރި ހޯދައިފިނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.