ފީފާ ވޯލްޑް ކަޕަކީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭގެ މުބާރާތެއް ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.
އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި އެމްބާޕޭ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި ފްރާންސުން އޮސްޓްރޭލިއާ އަތުން 4-1 އިން މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި އެމްބާޕޭ ވަނީ ގޯލެއް ކާމިޔާބުކޮށްދީ އެސިސްޓެއް ވެސް ހަދާފަ އެވެ.
އެމްބާޕޭ ،23، އަށް ތައުރީފް ކުރަމުން ޑެޝޯމްޕް ބުނީ އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ މިހާރު ކުޅެނީ ވަރަށް އިތުބާރާ އެކު ކަމަށެވެ. އެގޮތުން އެމްބާޕޭގެ ކުޅޭ ގޮތުން ވެސް އެކަން ފާހަގަވާނެ ކަމަށާއި އެމްބާޕޭ ހުރީ މި މުބާރާތަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ޑެޝޯމްޕް ބުންޏެވެ.
"ވޯލްޑް ކަޕަކީ އެމްބާޕޭގެ މުބާރާތް. އަހަންނަށް އެނގޭ އޭނާ ތަފާތު ދައްކާނެކަން." ޑެޝޯމްޕް ބުންޏެވެ.
ޑެޝޯމްޕް ބުނީ އިންޑިވިޖުއަލީ މޮޅު ކުޅުންތެރިއަކަށް ވުމަކީ ވެސް ފްރާންސަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ފްރާންސްގައި ގިނަ އަދަދަކަށް އެޓޭކިން ކުޅުންތެރިން ތިބިއިރު އޭގެތެރެއިން ވެސް އެމްބާޕޭ އަކީ އެންމެ މޮޅު ތަފާތު ކުޅުންތެރިއާ ކަމަށް އޭނާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފްރާންސުން މިރޭ ޑެންމާކާއި ދެކޮޅަށް ނިކުންނައިރު މި މެޗަށް އެޓީމުގެ ޑިފެންޑަރު ރަފޭލް ވަރާން ވަނީ ފިޓްވެފަ އެވެ. މިރޭގެ މެޗުން މޮޅެއް ހޯދައިގެން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ފްރާންސަށް އެބައޮތެވެ.
ފްރާންސާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.