ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ މިފަހުގެ ތާރީހެއްގައި އޭޝިއާގެ ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާތައް ނެރެމުންދާ ވޯލްޑް ކަޕެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާއެކު ވޯލްޑް ކަޕްގައި ޖުމްލަ ހަ ޓީމަކުން އޭޝިއާ ތަމްސީލުކުރެ އެވެ. އެޓީމުތަކަކީ ގަތަރު، ދެކުނު ކޮރެޔާ، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ އަދި އިރާނާއި ޖަޕާނެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި، ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް އިއްޔެ ފަށާފައިވާއިރު މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހައިރާން ކުރަނިވި ދެ ނަތީޖާ ނެރުނީ އޭޝިއާގެ ދެ ޓީމު ކަމަށްވާ ސައުދީ އާއި ޖަޕާނެވެ. އެގޮތުން މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި 2-1 އިން ސައުދީ ކުރި ހޯދުން ވެގެންދިޔައީ މުޅި ދުނިޔެ ސިއްސުވާލި ކަމެކެވެ. މިއީ ވޯލްޑް ކަޕެއްގައި އޭޝިއާ ޓީމަކަށް މިހާތަނަށް ހޯދުނު އެންމެ ކާމިޔާބު މޮޅު ކަމަށްވާއިރު މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު ޝޮކެވެ.
ސައުދީން ތާރީހީ މޮޅެއް ހޯދިތާ އެއް ދުވަސް ފަހުން ދެން ވެސް މީހުންނަށް ހައިރާންކަން ގެނުވީ އޭޝިއާގެ ޓީމަކުންނެވެ. ވޯލްޑް ކަޕް ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ މައްޗަށް ޖަޕާނުން ވެސް ކުރި ހޯދީ ފަހަތުން އަރައި 2-1 އިންނެވެ. މިއީ ޖަޕާނުގެ ތާރީހުގައި ވެސް ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފަހަތުން އަރައި ޖަޕާނުން ހޯދި ފުރަތަމަ މޮޅުވެސް މެ އެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިރާނުން ފުރަތަމަ މެޗުގައި އިންގްލެންޑް އަތުންް 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް ޖެހިގެން އައި މެޗުން އެޓީމު ވަނީ ބޮޑެތި މުބާރާތްތަކުން މިފަހަކަށް އައިސް ގަވާއިދުން ޖާގަ ހޯދަމުންދާ ވޭލްސްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. އަދި ފުރަތަމަ މެޗުގައި ދެކުނު ކޮރެޔާ އިން ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އުރުގުއޭ މޮޅުވިޔަނުދީ ހިފަހައްޓާފަ އެވެ.
އޭޝިއާގެ ޓީމުތަކުގެ ތެރެއިން ގަތަރަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. އަދި އޮސްޓްރޭލިއާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަތުން 4-1 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕް އާންމުކޮށް ޑޮމިނޭޓް ކުރަނީ ޔޫރަޕާއި ދެކުނު އެމެރިކާގެ ޓީމުތައް ކަމަށްވާއިރު އޭޝިއާ ޓީމުތަކަކީ އާންމުކޮށް ވޯލްޑް ކަޕްގައި އާންމުކޮށް އެހާ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ޓީމުތަކެއް ނޫނެވެ. ނަމަވެސް އޭޝިއާގެ ޓީމުތަކުން މިއަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ދައްކައި ދުނިޔެ ސިއްސުވާލަމުންދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު ފަހަރުގައި ދެވަނަ ބުރުން އޭޝިއާގެ ހަތަރު ޓީމެއް ފެނުމަކީ ވެސް ގާތް ކަމެކެވެ.