Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

އެމްޑީޕީ ހަލާކުކޮށްލަން އުޅުމަކީ ހަރާންކޯރުވުން

ނިހާދު އައްޑޫ މޭޔަރުއަލީ ނިޒާރާ ސަލާން ކުރައްވަނީ.

އެމްޑީޕީ ފުނޑުފުނޑުކޮށް ހަލާކުކުރަން ޕާޓީގެ ތެރެއިން މަސައްކަތްކުރާ ކޮންމެ މީހަކީ އެ ޕާޓީ އަށް ހަރާންކޯރުވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނަ ރޭ ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯއަކާ އެކީ ވިދާޅުވީ އެމްޑީޕީ އަކީ އެތައް ހާސް ބައެއްގެ ލެ އާއި ވިންދާ ގުޅިފައިވާ ގައުމީ ތަރައްގީގެ ބިންގާ ކަމަށެވެ.

"މި ބިންގާ ފުނޑުފުނޑުކޮށްލަން ނުކުންނަ ކޮންމެ މީހަކީ އެމްޑީޕީގެ މެމްބަރުންނަށް ހަރާންކޯރުވާ މީހެއް،" ނިހާދު ވިދާޅުވި އެވެ. "މަޖިހާއި ރައީސް ސޯލިހާ އެކީ މަސައްކަތް ކުރެވުނު ނަމަ ދުވަހަކު ވެސް އެމްޑީޕީ ބަލި ނުކުރެވޭނެ. އެމްޑީޕީ ކުރިއަށް."

ނިހާދަކީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަޅީގައި ތިބި އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާތީ އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް މެމްބަރެވެ. އަދި އޭނަ އަކީ ރައީސަށާއި ރައީސްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ މެމްބަރެކެވެ.

ނިހާދު ކުރިން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހު ފަސޭހަމަކާ އެކީ ކާމިޔާބުކުރައްވާނެ އެވެ.