Last Updated: April 18, 13:26
Thursday, April 18, 2024
މުނިފޫހިފިލުވުން

ހޮލީވުޑުން މިހާރު އޮފާތައް އާދޭ: ރާޖަމޯލީ

ހޮލީވުޑުން މިހާރު ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް އިންޑިއާގެ ސިނަމާގެ ވަރުގަދަކަން "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތަކުން ހުޅަނގަށް ދައްކާލި އިންޑިއާގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނެފިި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި "އާރްއާރްއާރް" އަކީ ކުރިން އެއްވެސް ވަރަކަށް އުންމީދު ނުކުރާ ވަރަށް ހުޅަނގުން ތައުރީފު ލިބެމުން އަންނަ ފިލްމެއް ކަމަށެވެ. އެ ފިލްމު ބަލާފައި ހޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި ތަރިން އެއަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދައްކާފައިވެ އެވެ.

"އާރްއާރްއާރް" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ ފިލްމު ވަނީ އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އާންމު ކެޓަގަރީތަކަށް ވާދަކުރަން ވެސް ހުށަހަޅައިފަ އެވެ. މި ފިލްމަކީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމެވެ.

ރާޖަމޯލީ ބުނީ ފިލްމަށް ހުޅަނގުން ލިބުނު ތަރުހީބަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ކުރިން އުންމީދު ވެސް ނުކުރާ ވަރަށް ހުޅަނގުން އެ ފިލްމު ބަލައިގެންފި. މިހާރު ފިލްމު ހަދަން ހޮލީވުޑުން އޮފާތައް ވެސް އާދޭ." މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ބުންޏެވެ.

ރާޖަމޯލީ ބުނި ގޮތުގައި މި ވަގުތު އެފަދަ އެއްވެސް ހުށަހެޅުމެއްގެ ބޭނުން ހިފެން ނެތަސް، ހޮލީވުޑާ ގުޅިގެން މަސައްކަތްކޮށް، އެ މީހުންގެ މަސައްކަތުގެ ވައްޓަފާޅި އާއި މަސައްކަތް ތަޖުރިބާކުރަން ބޭނުންވެ އެވެ.

"އެ މީހުންގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވެދާނެ. އެހެންވީމަ ކޮލަބަރޭޓްވުމަކީ ހަމަ ވަރަށް ޝައުގުވެރިވާ ކަމެއް. އެކަމަކު މި ވަގުތު އަދި އަހަރެން ހުޅަނގުން އަންނަ އޮފާތަކަށް ތައްޔާރެއް ނޫން." އޭނާ ބުންޏެވެ.

ނަމަވެސް ސުޕަހީރޯ ފިލްމުތައް ހަދަން މަޝްހޫރު ކުންފުނި މާވެލް ސްޓޫޑިއޯސް ފަދަ ތަނަކުން ސީރިއަސް ހުށަހެޅުމެއް ލިބުނު އިރަކުން އެކަމާ ދޭތެރޭ ފުންކޮށް ވިސްނާނެ ކަމަށް ރާޖަމޯލީ ބުންޏެވެ.

އޭނަ މިހާރު އަންނަނީ ތެލެގޫ ސުޕަސްޓާރު މާހޭޝް ބާބޫއާ އެކީ ވަރުގަދަ އެޑްވެންޗަ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. މި ފިލްމަކީ ވެސް ރާޖަމޯލީގެ ބައްޕަ ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖެޔަންދުރަ ޕްރަސާތުގެ ވާހަައަކަށް ހަދަން ނިންމާފައިވާ އެއްޗެކެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެ އެވެ.