Last Updated: June 10, 09:20
Wednesday, June 10, 2026
ޚަބަރު

ކޯލިޝަން އޮތީ ބަދަހިކޮށް: ސަރުކާރު

-ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން

ސަރުކާރު ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިއުވާން ވިދާޅުވީ ކޯލިޝަންގެ ލީޑާޝިޕް ބޭފުޅުންނާއެކެ ރައީސް މަޝްވަރާ ކުރައްވާ ކަމަށާއި އެބޭފުޅުން ކަންކަމުގައި އަރުވަން ބޭނުންވާ ލަފާވެސް އަރުވާ ކަމަށެވެ. ސީދާ މަޝްވަރާ ބައްދަލުވުންތަކެއްގެ ސިފައިގައި މަޝްވަރާތައް ނުބޭއްވުނު ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދެވޭކަމަށް ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިސިޝަނަކީއެއީ، ކޯލިޝަންގެ ބޭފުޅުންނާއެއްކޮށް މަޝްވަރާ ކުރެވިގެންނަންގާ ޑިސިޝަނަކަށް ނުވެދާނެ. އެގޮތަށް ވާކަށް އަޅުގަނޑަށް ހީވަނީ ނުޖެހޭހެން." މިއުވާން ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ތަފާތު ޕާޓީތައް ހިމެނޭކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ހިޔާލުތަފާތުވާ ކަންކަންވެސް ހުންނާނެ ކަމަށެވެ. އަދި ކޯލިޝަން މިއަދާހަމައަށްވެސް ދެމި އޮތީ ވަރަށް ބަދަހިކަމާއެކު ކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްލީޑަރުގެ ގޮތުގައި ހުންނެވި އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ތަޖުރިބާހުރި އަދި ރާއްޖޭގެ އެންމެ ކާމިޔާބު ޕާޓީ ކަމަށެވެ. އަދި ކޯލިޝަނެއް ދެމެހެއްޓުމުގެ ގާބިލުކަން ރައީސް ސޯލިހްގެ ހުންނެވިކަން ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.