Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޝިމާޒުގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބްރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ޝިމާޒްގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށްއެދި ޓްރާންސްޕޯޓް މިނިސްޓްރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ވެހިކަލްތަކެއް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރިކަމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރެވޭއިރު، ޝިމާޒް ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

އޭގެފަހުން ބަޔަކު ވަނީ ޝިމާޒްގެ ސައިކަލަށް ގެއްލުންދީ އިންޒާރު ދިނުމަށްފަހު ޝިމާޒަށްވެސް ހަމަލާދީފައެވެ.

ޝިމާޒް ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހަމަލާދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންނެވެ. ޝިމާޒަށް ހަމަލާދިނުމުގެ ފަހަތުގައި ހުރީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާކަމަށް ތުހުމަތު ކުރެވޭއިރު، ނަހުލާވަނީ އެކަން ދޮގު ކޮށްފައެވެ.