Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

ސަދަން ކޮމާންޑްގެ އިހުތިސޯސްގެ މުހިންމުކަން ބޮޑު

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ- ފޮޓޯ: އެމްއެންޑީއެފް

ބައިނަލްއަޤްވާމީ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އިހުތިސޯސްގައި ހިމެނޭ ސަރަޙައްދުގެ މުހިންމުކަން ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސ.ގަމުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހަދުގެ ތެރެއިން ހުރަސްކުރާ، ސީ ލޭން އޮފް ކޮމިއުނިކޭޝަންގެ ގޮތުގައި ބެލެވޭ ތިން ސަރަޙައްދެއް އެމްްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ސަރަޙައްދުގެ ތެރޭގައި އެބައޮތް ކަމަށާއި އެހެންކަމުން، ބައިނަލްއަޤްވާމީ ގޮތުން ވެސް ސަދަން އޭރިއާ ކޮމާންޑްގެ އިހުތިސޯސްގައި ހިމެނޭ ސަރަޙައްދުގެ މުހިންމުކަން ބޮޑުވެގެންދާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އޮތް ލޮކޭޝަންގެ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން، ވަރަށް ގިނަ ހާދިސާތައް ވެސް މި ސަރަހައްދުގައި ގިނަ ކަމަށާއި އަދި ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެ ހާދިސާތަކާ ގުޅިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"އިންޓަރނޭޝަނަލް އެއަރޕޯޓެއް ހިމެނޭހެން ފަސް އެއަރޕޯޓާއި، އިންޓަރނޭޝަނަލް ސީ ޕޯޓް އެބައޮތް. މި ހުރިހާ ކަންކަމަކަށް ހަރަކާތްތެރިވާން ވެސް، މި އިންފްރާސްޓްރަކްޗަރތައް ބަލަހައްޓަން ވެސް، މިތިބީ ހަމަ ސިފައިން. މި ހުރިހާ ކަންކަމަށް ސިފައިން ތިބެނީ ވެސް އަދި ތިބެންޖެހޭނީ ވެސް ތަމްރީނުވެ ތައްޔާރުވެގެން ކަމަށް ރައްޔިތުން ދެކޭ." ވާހަކަފުޅު ކުރިއަށްގެންދަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައްޔިތުން، ސިފައިންނާ މެދު ދެކޭގޮތަކީ ކޮބައިކަން ދެނެގަނެ، އެފަދަ ބައެއްގެ ގޮތުގައި ތިބުމަކީ، ސިފައިންނާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކޮށް ދެމެހެއްޓުމަށް މުހިންމުކަމެއް ކަމަށެވެ.