އަންނަ މަހު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހްރުކް ޚާންގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1-10 އަށެވެ. ޝާހްރުކާއި ކާޖޮލްގެ 1995 ގެ އައިކޮނިކް ފިލްމު ފެސްޓިވަލްގައި ދައްކަން އިރު، އޭނާ މި ވަގުތު ހުރީ ވެސް ސައުދީގަ އެވެ. އެއީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ "ދުންކީ" ގެ މަންޒަރުތަކެއް ނެގުމަށްޓަކަ އެވެ. ފިލްމުގެ ކާސްޓާއި ކްރޫ އަށް އެ ގައުމަށް ދިޔައީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
ޝާހްރުކް ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ފާހަގަކޮށްލެވޭ "ޑީޑީއެލްޖޭ" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެެކެވެ. އެ ފިލްމު އަދިތިޔާ ޗޯޕްޅާ ޑައިރެކްޓްކުރި އިރު، އޭގެ ޕްރޮޑިއުސަރަކީ އޭނަގެ ބައްޕަ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އެވެ. އޭނާ ވަނީ 2012 ގައި މަރުވެފަ އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން "ޑީޑީއެލްޖޭ" އަކީ ރިލީޒްކުރި ފަހުން އިންޑިއާގައި އެންމެ ދިގު މުއްދަތަކަށް ސިނަމާގައި ދެއްކި ފިލްމު ވެސް މެ އެވެ. އެ ފިލްމު 1995 ގައި ރިލީޒްކޮށް މެދުކެނޑުމެއް ނެތި މުމްބާއީގެ މަރާޓާ މަންދިރު ސިނަމާގައި 22 އަހަރު ވަންދެން ދެއްކި އެވެ.
ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޝާހްރުކަށް އޮނަރަރީ އެވޯޑް އަރުވަން ނިންމާފައިވެ އެވެ.