ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދު ފަށާފައިވާއިރު އިއްޔެކޭ އެއްގޮތަށް މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޑެންމާކް އާއި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އެވެ.
ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސުން ވަނީ އޮސްޓްރޭލިއާގެ މައްޗަށް 4-1 އިން ކުރި ހޯދާފަ އެވެ. ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާއާ ބައްދަލުކޮށްވީ އެއްވަރެވެ. މި ގްރޫޕްގައި މިއަދު އޮސްޓްރޭލިއާ އިން 1-0 އިން ޓިއުނީޝީއާ ބަލިކޮށްފައިވާއިރު ގްރޫޕްގެ ވާދަވެރިކަން މިހާރު ވަނީ ބޮޑުވެފަ އެވެ.
މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ފްރާންސަށް މިރޭގެ މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އޮތްއިރު ފްރާންސުން މިރޭ ނިކުންނަނީ އެޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ހަ މޮޅު ހޯދުމަށެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު ފްރާންސް ކޮޅަށް ގޯލެއް ވަތް ނަމަވެސް ނަތީޖާ އަނެއްކޮޅަށް އަނބުރާލުމުގައި ފްރާންސުން ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ. އެ މެޗުގައި ޖެހި ދެ ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑާއި އެޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ހަމަކޮށްފައިވާއިރު އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު މިރޭ ޖިރޫޑަށް އެބައޮތެވެ.
ފްރާންސް ނެގުމަށްފަހު މި ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ޑެންމާކް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު ފުރަތަމަ މެޗުގައި ޑެންމާކްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މުބާރާތުގައި ކުރިއަށްދިޔުމަށް ޑެންމާކަށް މިރޭގެ މެޗުން ތިން ޕޮއިންޓް މުހިއްމު ވާއިރު އެކަން ކުރުމަށް ޑެންމާކުން ފުރަތަމަ މެޗުގައި ދެއްކި ވަރަށް ވުރެ ފުރިހަމަ ކުޅުމެއް މިރޭ ދައްކަންޖެހެ އެވެ. މިއަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސާއި ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ޑެންމާކް މޮޅުވެފައި ވުމަކީ މިރޭގެ މެޗަށް ނިކުންނައިރު އެޓީމަށް އޮތް ހިތްހަމަޖެހުމެކެވެ. ނަމަވެސް އެއް އަހަރެއްގެ ތެރޭގައި އެއްވެސް ޓީމަކަށް މިހާތަނަށް ޖެހިޖެހިގެން ތިން ފަހަރު ފްރާންސް ބަލިކުރެވިފައެއް ނުވެ އެވެ.
ފްރާންސް
ޑެންމާކާއި ދެކޮޅަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސުން ވަނީ މީގެކުރިން ތިން މެޗެއް ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ދެކޮޅަށް ކުޅުނު ދެ ފަހަރަކު ފްރާންސުން ވަނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
ފްރާންސަކީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނިކުމެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން މޮޅުވި ފުރަތަމަ ޓީމެވެ. ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނިކުމެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން މޮޅެއް ހޯދުނީ އެންމެ ހަތަރު ޓީމަކަށެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފްރާންސްގެ ފުލްބެކް ލޫކަސް ހަނާންޑޭޒަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. ލޫކަސްގެ ބަދަލުގައި މި މުބާރާތުގައި އެ މަގާމަށް ކުޅޭނީ އޭނާގެ ކޮއްކޮ ތިއޯ ހަނާންޑޭޒް އެވެ. މިރޭގެ މެޗަށް ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން ވަނީ ފިޓްވެފަ އެވެ.
ޑެންމާކް
މިއީ ޑެންމާކުން ވޯލްޑް ކަޕެއް އެންމެފަހުން ހޯދި ޓީމަކާ ދެކޮޅަށް ނިކުންނަ ތިންވަނަ ފަހަރެވެ. އެގޮތުން 1998 ވަނަ އަހަރު ބްރެޒިލް އަތުން 3-2 އިން ޑެންމާކް ބަލިވިއިރު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑެންމާކުން ވަނީ ފްރާންސްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.
ވޯލްޑް ކަޕްގައި އެންމެފަހުން ޑެންމާކުން ކުޅުނު ހަތަރު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ވޯލްޑް ކަޕްގައި ޖެހިޖެހިގެން ފަސް މެޗުން އެއްވަރުވެފައިވާ ހަމައެކަނި ޓީމަކީ ބެލްޖިއަމް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޑެންމާކުގެ މިޑްފީލްޑަރު ތޯމަސް ޑެލޭނީ އަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މި ދެ ޓީމުން މީގެކުރިން ވަނީ ޖުމްލަ 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން 8 މެޗުން ފްރާންސް މޮޅުވިއިރު ޑެންމާކް މޮޅުވީ ހަ މެޗުންނެވެ.
ފްރާންސް އާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.