Last Updated: February 4, 06:24
Saturday, February 4, 2023
ކުޅިވަރު

އާޖެންޓީނާ ވޯލްޑް ކަޕަށް އަތުވެއްޖެ: މެސީ

އާޖެންޓީނާ އަށް އެންމެފަހުން ވޯލްޑް ކަޕަށް އާދެވުނު ކަމުގެ އިހުސާސް ކުރެވިފައިވާ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ މެކްސިކޯއާ ދެކޮޅަށް ނިކުތްއިރު އާޖެންޓީނާ އަށް މުބާރާތުގައި ކުރިއަށް ދިޔުމަށް މުބާރާތުން މޮޅެއް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ. އެ މެޗުން އާޖެންޓީނާ 2-0 އިން މޮޅުވިއިރު ރޭގެ މެޗުން ބަލިވިނަމަ އާޖެންޓީނާ މުބާރާތުން ކަޓާނެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން މެސީ ބުނީ ރޭގެ މެޗުން މޮޅެއް ހޯދުން އާޖެންޓީނާ އަށް އޮތީ ވަރަށް މުހިއްމު ވެފައި ކަމަށާއި ރޭގެ މެޗުގެ ދެވަނަ ހާފްގައި މިއަހަރުގެ ވޯލްޑް ކަޕްގެ ހަގީގީ ފުރަތަމަ މެޗު ކުޅެލެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުން އާޖެންޓީނާ 2-1 އިން ސައުދީ އަރަބިއްޔާ އަތުން ބަލިވިއިރު މެސީ ބުނީ ޓީމުގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ތިބެފައި އެއީ އެ ކުޅުންތެރިންގެ ފުރަތަމަ ވޯލްޑް ކަޕަށް ވުމުން ފުރަތަމަ މެޗުގައި ޓީމަށް ވަރަށް ޕްރެޝަރު އޮތް ކަމަށެވެ. ނަމަވެސް އެއީ އުޒުރެއް ނޫން ކަމަށާއި އެ މެޗުގައި ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށް މެސީ ބުންޏެވެ.

އަހަރަމެންނަށް މިހާރު މި ފެށުނީ އަނެއްކާވެސް އިތުރު ވޯލްޑް ކަޕެއް. އަހަރެން އަބަދުވެސް ބުނަން، ކަންކަން ވާނެ ކަމަށް ގަބޫލުކުރަން. ރޭ އަހަރަމެން ކުރަންޖެހުނު ކަންކަން ކުރިން. މޮޅުވުން ނޫން އިތުރު ޗޮއިސެއް ރޭގައި ނެތް." މެސީ ބުންޏެވެ.

މި މޮޅާއެކު އާޖެންޓީނާ މިހާރު އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ޕޮލެންޑް އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސައުދީ އަރަބިއްޔާ އެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ މެކްސިކޯ އެވެ.

ގްރޫޕްގެ ފަހު މެޗުން މޮޅުވެގެން އާޖެންޓީނާ އަށް ދެވަނަ ބުރަށް ދަތުރުކުރެވޭއިރު، ފަހު މެޗުގައި ސައުދީ ބަލިކޮށްގެން މެކްސިކޯ އަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތެއް އަދި އެބައޮތެވެ.

ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ޕޮލެންޑާ އެވެ. މެކްސިކޯ ނިކުންނާނީ ސައުދީޔާއާ ދެކޮޅަށެވެ.