Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ރޮޒޭގެ ނަސޭހަތެއް މީޑިއާތަކަށް

މީޑިއާތަކުން ޒިންމާދާރުކަމާ އެކީ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގޮވާލައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާ އަކީ ޑިމޮކްރަސީގެ މައި އެއް ތަނޑު ކަމަށެވެ. އެހެންވެ ނޫސްވެރިން ވަރަށް ޒިންމާދާރުކަމާ އެކީ ޚަބަރު ފަތުރަން އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވި އެވެ. ރޮޒޭ މީޑިއާ އަށް ރައްދުކުރައްވައި މިފަދަ ޓްވީޓެއް ކުރައްވާފައި މި ވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ކ. މާފުށީގެ އެ ވިޔަފާރިއާ ގުޅޭ ގޮތުން "މިހާރު" ނޫހުން ގެނެސްދިން ރިޕޯޓްތަކަކާ ގުޅިގެން އެ ރަށު ކައުންސިލުން ކަންްބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މާފުށީ ކައުންސިލުން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ރަށަކީ ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޮޒޭގެ ޓްވީޓްގައި ވިދާޅުވީ ނޫސްވެރިން ޚަބަރުތައް ފަތުރަން ވާނީ ކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ބަލައިފައި ކަމަށާއި ލިޔުމެއް ދޫކޮށްލުމުގެ ކުރިން އޭގެ ތެދުދޮގު ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

"އެހެން ނޫން ކަމަށްވާ މީގެ ސަބަބުން ބައެއްގެ ދިރިއުޅުން ހަލާކުވެދާނެ. މީޑިއާ މަސައްކަތްކުރަން ވާނީ ވަރަށް ޒިންމާދާރުކޮށް،" އޭނާ ވިދާޅުވި އެވެ. "ތެދު ނޫން މައުލޫމާތާއި ގަސްތުގައި ފަތުރާ ސައްހަ ނޫން މައުލޫމާތަކީ ޑިމޮކްރަސީއެއް އޮތް ބިރެއް."