Last Updated: July 17, 10:59
Friday, July 17, 2026
ކުޅިވަރު

ބެލްޖިއަމް ބަލިކޮށް މޮރޮކޯ އިން ފެންވަރު ދައްކާލައިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމްގެ މައްޗަށް 2-0 އިން މޮރޮކޯ އިން ކުރި ހޯދައިފި އެވެ.

މިއީ 1998 ވަނަ އަހަރަށްފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު މިއީ 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗަކުން ބެލްޖިއަމް ބަލިވި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު މޮރޮކޯ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ބެލްޖިއަމް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ކްރޮއޭޝިއާ އެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކެނެޑާ އެވެ. މި ގްރޫޕްގައި މިރޭ ކެނެޑާ އާއި ކްރޮއޭޝިއާ ބައްދަލުކުރާނެ އެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް މި ހާފުގައި ތަނަވަސްކުރެވިފައެއް ނުވެ އެވެ.

ނަމަވެސް ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 73 ވަނަ މިނެޓްގައި މޮރޮކޯގެ އަބްދުލްހަމީދް ސަބީރީ ވަނީ އެޓީމަށް ލީޑު ނަގަައިދީ ބެލްޖިއަމް ސިއްސުވާލާފަ އެވެ. މި ގޯލް ސަބީރީ ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓިއޭރިއާގެ އަރިމަތިން ލިބުނު ހިލޭޖެހުމަކުންނެވެ. މި ގޯލާއެކު ބެލްޖިއަމުން އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ކުޅެން އެރުވި ނަމަވެސް އޭނާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ބެލްޖިއަމް ޓީމުގެ ކުޅުންތެރިންނަށް ތަނަވަސްކޮށްދެވިފައެއް ނުވެ އެވެ.

މޮރޮކޯ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޒަކަރިޔާ އެވެ. މޮރޮކޯ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޒަކަރިޔާ މި ގޯލް ކާމިޔާބުކުރީ ހަކިމް ޒިޔެކް ދިން ޕާހަކުން ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެއް ފަހަރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މޮރޮކޯ އަށް މިހާރު ހުޅުވިފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ.