ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށްދާއިރު މިއަދުގެ ފަހު މެޗުގައި ބައްދަލުކުރާނީ ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށް ސްޕެއިން އާއި ޖަރުމަނެވެ.
ގްރޫޕް އީ ގައި ހިމެނޭ ސްޕެއިނުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު ޖަރުމަނު މުބާރާތް ފެށީ ބައްޔަކުންނެވެ. އެގޮތުން ފުރަތަމަ މެޗުން ސްޕެއިން 7-0 އިން ކޮސްޓަރީކާ ބަލިކުރިއިރު މިއީ މިއަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ޖަރުމަނު ބަލިވީ ޖަޕާން އަތުން 2-1 އިންނެވެ.
މިރޭގެ މެޗުން މޮޅެއް ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ސްޕެއިނަށް އޮތްއިރު އެންމެފަހުން އެޓީމުން ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން ދެވަނަ ބުރަށް ނުގޮސް ކެޓީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ޒުވާން ހުނަރުވެރި ސްކޮޑަކާއެކު މުބާރާތާއި ކުރިމަތިލާފައިވާ ސްޕެއިނުން ވަނީ ފުރަތަމަ މެޗުގައި ވެސް އެޓީމަކީ މި މުބާރާތް ކާމިޔާބު ކުރެވޭނެ ވަރުގެ ޓީމެއްކަން ދުނިޔެ އަށް ދައްކާލާފަ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޕެއިނަށް މިރޭގެ މެޗުގައި ރަނގަޅު ޗެލެންޖެއް ޖަރުމަނުން ދޭނެ ކަމަށް ބެލެވޭއިރު ސްޕެއިނުން މިރޭ ނިކުންނާނީ އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުގައި ދެއްކި ފަދަ ކުޅުމެއް ތަކުރާރު ކުރުމަށެވެ. ޔޫއެފާ ނޭޝަންސް ލީގުގައި މީގެ ދެ އަހަރު ކުރިން ބައްދަލުކުރި މެޗުން ސްޕެއިން ވަނީ 6-0 އިން ޖަރުމަނު ބަލިކޮށްފަ އެވެ.
ޖަޕާން އަތުން ޖަރުމަނު ފުރަތަމަ މެޗުން ބަލިވިއިރު އެއީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވީ މެކްސިކޯ އަތުން 1-0 އިންނެވެ. ޖަޕާން އަތުން ބަލިވުމުން މިރޭގެ މެޗުން މޮޅު ނުވަތަ އެންމެ ކުޑަމިނުން އެއްވަރުކުރުން ޖަރުމަނަށް ވަރަށް މުހިއްމެވެ. ނަމަވެސް މި މެޗުން ބަލިވެއްޖެނަމަ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު ޖަރުމަނަށް ގެއްލޭނެ އެވެ. ފުރަތަމަ މެޗުގައި ރަނގަޅަށް ކުޅެ ލީޑު ފުޅާކޮށްލަން ވެސް ޖަރުމަނުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިރު އެ މެޗުގައި ޖަޕާނުން ޖަރުމަނަށް ލަނޑު ދިނީ ކައުންޓަ އެޓޭކުތަކުގަ އެވެ. އެ މެޗުގައި ޖަރުމަނުގެ ޑިފެންސްލައިން އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު ސްޕެއިން އަތުން ބަލިނުވެ ފަރުޖައްސާލަން ބޭނުންވާ ނަމަ ޖަރުމަނުން ވިސްނުންތެރިކަމާއެކު ކުޅުން ވަރަށް މުހިއްމެވެ.
ސްޕެއިން
ސްޕެއިނުން މިރޭ ނިކުންނަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަށެވެ. ސްޕެއިނުން ވޯލްޑް ކަޕް ނެގި ފަހަރު ވަނީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެފަ އެވެ.
ސްޕެއިނަށް ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗު ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ވޯލްޑް ކަޕެއްގަ އެވެ. އެއީ 1950، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.
މި މެޗަށް ނިކުންނަ އިރު އަނިޔާގެ މައްސަލައެއް ސްޕެއިން ޓީމުގައި ނެތެވެ.
ޖަރުމަނު
ސްޕެއިނާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ޖަރުމަނަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. އަދި ބޮޑު މުބާރާތެއްގައި ޖަރުމަނަށް އެންމެފަހުން ސްޕެއިންގެ މައްޗަށް ކުރި ހޯދިފައިވަނީ 1988 ވަނަ އަހަރުގެ ޔޫރޯގަ އެވެ.
ޖަރުމަނުން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޖަރުމަނުން މިހާތަނަށް ވޯލްޑް ކަޕެއްގައި ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެއް ނުވެ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅޭ ލީރޯއި ސާނޭ އަށް މިރޭގެ މެޗުގައި ވެސް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ވޯލްޑް ކަޕެއްގައި ސްޕެއިނުން ޖަރުމަނު ބައްދަލުކުރާ ފަސްވަނަ ފަހަރެވެ. އެގޮތުން ވޯލްޑް ކަޕްގައި ޖަރުމަނާއި ދެކޮޅަށް ކުޅުނު ފުރަތަމަ ތިން މެޗުން ސްޕެއިނަށް މޮޅެއް ހޯދިފައި ނުވާއިރު އެންމެފަހުން މި ދެ ޓީމު ވޯލްޑް ކަޕެއްގައި ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ސްޕެއިނުންނެވެ. 2010 ވަނަ އަހަރު ކުޅުނު އެ މެޗު ސްޕެއިނުން ކާމިޔާބުކުރީ 1-0 އިންނެވެ.
ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.