ބްރެޒިލްގެ ފޯވާޑް ނޭމާ އަށް ކުރާ ފައުލްތައް ރެފްރީން ހުއްޓުވަންޖެހޭ ކަމަށް އެޓީމުގެ ކޯޗު ޓީޓޭ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 2-0 އިން ސާބިޔާ އަތުން ބްރެޒިލް މޮޅުވި މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާ މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އެ މެޗުގައި ނޭމާ އަށް އަނިޔާވީ ސާބިޔާގެ ނިކޮލާ މިލެންކޮވިޗް ކުރި ޓެކުލެއްގެ ސަބަބުން ކަމަށްވާއިރު އެ މެޗުގައި ސާބިޔާ ކުޅުންތެރިން ނޭމާ އަށް 9 ފައުލްކޮށްފައިވެ އެވެ. އެ މެޗުގައި ސާބިޔާ ކުޅުންތެރިން އެންމެ ގިނަ ފައުލްތައް އަމާޒުކުރީ ވެސް ނޭމާ އަށެވެ.
މިރޭ ސްވިޒަލޭންޑާއި ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ޓީޓޭ ބުނީ ޓީމުތަކުން ވަކިވަކި ކުޅުންތެރިންނަށް އަމާޒުކޮށްގެން ފައުލްތައް ކުރާ ކަމަށާއި ރެފްރީން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
"ވަކިވަކި ކުޅުންތެރިންނަށް ބައެއް ޓީމުތަކުން ފައުލްތައް އަމާޒުކުރޭ. އޭގެ ނަތީޖާ މި ފެންނަނީ، މިއީ ހުއްޓުވަންޖެހޭ ކަމެއް." ޓީޓޭ ބުންޏެވެ.
ނޭމާގެ އިތުރުން ސާބިޔާ މެޗުގައި ބްރެޒިލލްގެ ފުލްބެކް ޑެނީލޯ އަށް ވެސް އަނިޔާވެފައިވާއިރު ޓީޓޭ ބުނީ އެ ދެ ކުޅުންތެރިން ވެސް އަދި ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ނޭމާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން އަނިޔާގެ ސަބަބުން ނޭމާ އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި ނުކުޅެވުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އޭނާ ކުޅުނީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ.
ވޯލްޑް ކަޕާ ނޭމާ މިފަހަރު ކުރިމަތިލީ ރަނގަޅު ފޯމެއްގައި ހުރެ އެވެ. އެގޮތުން ޕީއެސްޖީ އަށް މި ސީޒަނުގައި ކުޅެދިން 20 މެޗުގައި އޭނާ ވަނީ 15 ގޯލް ކާމިޔާބުކޮށްފަ އެވެ.