ވޯލްޑް ކަޕްގައި މިރޭ ގާނާއާ ދެކޮޅަށް ފެންނަ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން މިން ހެއުން ތަފާތު ވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕައުލޯ ބެންޓޯ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޮރެޔާ އާއި އުރުގުއޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު މޫނުގެ ވާތްފަރާތު ލޯ ކަށިގަނޑަށް ލިބުނު ގެއްލުމަކާ ގުޅިގެން މި މުބާރާތުގައި ސޮން ކުޅެމުން އަންނަނީ ސަލާމަތީ މާސްކެއް އަޅައިގެންނެވެ.
ކޮރެޔާގެ ކޯޗު ބެންޓޯ ބުނީ ސޮން އަށް ދާދިފަހުން އަނިޔާގެ މައްސަލައަކާ ކުރިމަތިވި ކަމަށާއި އަދި އޭނާ އަންނަނީ މާސްކު އަޅައިގެން ކުޅުމަށް ވެސް ހޭނެމުން ކަމަށެވެ. އަދި ސޮންގެ ފުރަތަމަ އަމާޒަކީ މާސްކު އަޅައިގެން ޓީމުގެ ކުޅުންތެރިންނާއެކު ފަސޭހައިން ކުޅުން ކަމަށާއި އިދިކޮޅަށް ކުޅޭ ޓީމާއި މެދު ވިސްނާނީ އެއަށް ފަހު ކަމަށް ބެންޓޯ ބުންޏެވެ.
އެގޮތުން މިރޭގެ މެޗުގައި ސޮން ތަފާތު ވާނެ ކަމަށާއި އެންމެފަހުން ކުޅުނު މެޗުގައި 90 މިނެޓް ކުޅެފައިވާއިރު އޭނާގެ ހުނަރު އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ޓީމުން ވެސް ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށް ބެންޓޯ ބުންޏެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް މިރޭގެ މެޗުން މޮޅެއް ހޯދުން ގާނާ އަދި ކޮރެޔާ އަށް ވެސް މުހިއްމެވެ. އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕުން ވެސް ކޮރެޔާ ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
ކޮރެޔާ އާއި ގާނާ ބައްދަލުކުރާ މެޗު ފަށާނީ އިރުއޮއްސި 6:00 ގަ އެވެ.