Last Updated: June 10, 09:21
Wednesday, June 10, 2026
ޚަބަރު

ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާނަމަ ދައުވާ ކުރެވޭނެ: ޕީޖީ

ޕީޖީ ހުސައިން ޝަމީމް--

ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ އެކަމަށް ވަކިން ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ 02 ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހިމެނޭ އިތުރު ބައެއްގެ މައްޗަށް ދައުވާ އުފުލުމުން އެކަމާ ގުޅިގެން، އަމިއްލަ ބްލޮގުގައި ޝާއިއުކުރި ލިޔުމެއްގައެވެ.

އެގޮތުން ޝަމީމް ވިދާޅުވީ، ކުށްކުރާ ޖަމާއަތްތަކުން ކުށްކުރުމުގައި، ޤަސްދުގައި ކުޑަކުދިން ބޭނުންކުރާކަން މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަށެވެ. ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހިމެނޭ ކުދިން ލައްވާ ކުށްކުރުވުމަށްފަހު، ދިފާއުގައި ހެކި އުފެއްދޭގޮތަށް ހަރަކާތްތައް ހިންގާފައިވާކަމެވެ. އެގޮތުން އެކުދިން ލައްވާ ކުށްކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާޙައުލު ނޫން އެހެން ތަނެއްގައި އުޅެ، އެތަނުގައި އުޅުނުކަން އެކި މީސްމީހުންނަށް އެންގުމަށް، މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހުން އެކަން ކުރީ އެގޮތަށް އެބޭނުމުގައިކަން، ތަހުގީގަށް އޮތީ ހޯދިފައިވާ ކަމަށާއި އެހެންކަމުން އެކަމަކީ ޝަރީއަތުގައި ފަސޭހައިން ކިޔައިދެވޭގޮތަށް ހެކި ހޯދިފައިވާ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޒަޔާން މަރާލި މައްސަލައަކީ ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުދިން ބޭނުންކުރުމުގެ ކުށުގެ ދައުވާ، އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅުނު މައްސަލަކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ.

"ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެއެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ." ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ ޒަޔާން މަރާލި މައްސަލައިގައި ތަހުގީގަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަން، ކުށުގެ ތުހުމަތު ކުރެވޭ މީހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށާއި ނަމަވެސް، އެމަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އަދި މިމައްސަލައިގައި މުހިންމީ ޝަރީއަތް އަވަހަށް ނިންމުންކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮންޓިނިއުއަސް ހިއަރިންގ ތަކެއްގެ ޒަރީއާއިން ވިޔަސް، މައްސަލަ އަވަހަށް ނިންމުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގައި މުޖްތަމައުގެ މަސްލަހަތާއި ދައުވާ ލިބޭ މީހުންގެ މަސްލަހަތުވެސް ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މިމަގަށް މަސައްކަތް ކޮށްދެއްވުން އެދި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައި އޮންނާނެކަން ފާހަގަ ކުރެއްވި އެވެ.