Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ: މައްސަލަ ބަލާ ބެންޗު އުވާލައިފި

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، މައްސަލަ ބެލުން ގާޒީ ސޮފްވަތު ހަބީބާ ހަވާލުކޮށްފިއެވެ.

މޭ 6 ބޮމުގެ ހަމަލާގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލީ ތިން ފަނޑިޔާރުންގެ ބެންޗެކެވެ. އެހެންނަމަވެސް އެ ބެންޗު އުވާލާފައިވަނީ ބެންޗުގައި ހިމެނޭ އިތުރު ފަނޑިޔާރަކު މައްސަލައިން ތަނާޒުލުވުމުންނެވެ.

އެންމެފަހުން ބެންޗުން ތަނާޒުލުވީ ގާޒީ ހަސަން ސައީދެވެ. އަދި މީގެކުރިން ބެންޗުން ގާޒީ އާދަމް މުހައްމަދު ވެސް ވަނީ ތަނާޒުލްވެފައެވެ.

ފަނޑިޔާރުންގެ ބެންޗު އުވާލުމުން މައްސަލަ ބެލުމަށް ހަވާލުކޮށްފައިވަނީ ގާޒީ ސޮފްވަތު ހަބީބު އާއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަހުމަދު އަދުހަމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިހާރު ކުރިއަށްދަނީ މިމައްސަލައިގައި ދައުވާއުފުލި މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ އަޑުއެހުންތަކެވެ. އެ އަޑުއެހުންތަކުގައި އަދި ދަނީ ޝަރިއަތުގެ ކުރީގެ މަރުހަލާއެވެ.