Last Updated: February 4, 06:45
Saturday, February 4, 2023
ކުޅިވަރު

ކޮރެޔާ ބަލިކޮށް ގާނާ އުއްމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ދެކުނު ކޮރެޔާގެ މައްޗަށް 3-2 އިން ގާނާ އިން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ގާނާ އަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ކޮރެޔާ އަށް ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޕޯޗުގަލް އަށް ތިން ޕޮއިންޓް އަދި އުރުގުއޭ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގައި މިރޭ އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކުރާނެ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ކޮރެޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ 24 ވަނަ މިނެޓްގައި މުހައްމަދު ސަލިސޫ ވަނީ ގާނާ އަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި މުހައްމަދު ކުޑޫސް ގާނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު މި ގޯލް އޭނާ ކާމިޔާބުކުރީ ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ކޮރެޔާ އިން ކުޅުން ރަނގަޅުކޮށް ގާނާގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓްގައި ޗޯ ގޫ ސަންގް ކޮރެޔާގެ ފުރަަތަމަ ގޯލް ކާމިޔާބުކޮށްދިން އިރު އޭގެ ދެ މިނެޓް ފަހުން އޭނާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ކޮރެޔާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ކޮރެޔާ އިން ނަތީޖާ އެއްވަރުކުރިތާ ހަތް މިނެޓްފަހުން ކުޑޫސް ވަނީ ގާނާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. ކުޑޫސް މި ގޯލް ކާމިޔާބުކުރީ ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވާތު ފައިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ކޮރެޔާ އިން މެޗުގެ ފަހު 20 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ފުލުފުލުގައި ކޮރެޔާ އިން ގާނާގެ ޕެނަލްޓީއޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ކުރަމުންދިޔަ ނަމަވެސް އެ ހުރަސްތައް ގާނާގެ ޑިފެންޑަރުން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކޮރެޔާ އަށް ކޯނަރެއް ލިބުނު ނަމަވެސް އެ ކޯނަރު ނުދީ މެޗު ނިންމާލުމުން ކޮރެޔާގެ ކޯޗު ޕައުލޯ ބެންޓޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު ރެފްރީ ވަނީ އޭނާ އަށް ރަތްކާޑު ވެސް ދައްކާފަ އެވެ.

މި ގްރޫޕްގައި ޕޯޗުގަލް އާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.