Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

މާޅޮހުގައި ކެމިސްޓްރީ ކިޔަވައި ދެނީ އައްޑޫން

އއ. މާޅޮހު ސްކޫލްގައި މި ވަގުތު ކެމިސްޓްރީ ކިޔަވއިދޭނެ ޓީޗަރެއް ނެތުމާ ގުޅިގެން އައްޑޫގައި ހުރި އެ މާއްދާގެ ޓީޗަރަކު އެ ރަށު ދަރިވަރުންނަށް އޮންލައިންކޮށް ކިޔައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކެމިސްޓްރީ އާއި ބައޮލޮޖީ ކިޔަވަ އިދޭނެ ޓީޗަރުން ނެތުމުގެ ކަންބޮޑުވުންތަކާ ހެދި ބައެއް ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވުން ވެސް ހުއްޓާލާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާޅޮހު ސްކޫލަށް ކެމިސްޓްރީ ޓީޗަރެއް ހަމަޖެހެންދެން އެ މާއްދާ އޮންލައިންކޮށް ނަގައި ދޭނީ އައްޑޫ ހައި ސްކޫލްގެ ކެމިސްޓްރީ ޓީޗަރު ކަމަށެވެ.

އަދި ބައޮލޮޖީ ވަގުތީ ގޮތުން ކިޔަވައިދޭ ގޮތަށް މިނިސްޓްރީން ހަމަޖެއްސީ މާޅޮހު ސްކޫލްގެ ޕްރިންސިޕަލެވެ. އޭނަ އަކީ ކުރިން ބައޮލޮޖީ ޓީޗަރެކެވެ.

މާޅޮހު ސްކޫލްގައި ކެމިސްޓްރީ ކިޔަވާ ދަރިވަރުންނަށް ބުރޫއެރީ އެ މާއްދާ އަށް ގެނައި ބިދޭސީ ޓީޗަރަކު ސްކޫލާއި އެޑިއުކޭޝަނަށް ވެސް ނޭނގި ރަށް ދޫކޮށް ދިއުމާ ގުޅިގެންނެވެ. މިނިސްޓްރީން ބުނެފައި ވަނީ އެ ޓީޗަރު މިހާރު ހުރީ މާލޭގައި ކަމަށެވެ.