Last Updated: April 19, 10:24
Friday, April 19, 2024
ޚަބަރު

ގެއްލުމުގެ ބަދަލު ނަގައިދޭ އުސޫލެއް

ގެއްލުމުގެ ބަދަލު ނަގައިދޢޭނެ އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފި އެވެ.

މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ މި އުސޫލަކީ ރައީސް އޮފީހުން އެކުލަވާލި އެއްޗެކެ. މީގައިވާ ގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓް 7، 2008 އިން ފެށިގެން އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ވެސް ބަދަލު ނަގައި ދެވޭނެ އެވެ. އެކަމަކު އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމަ އެވެ.

މި އާ އުސޫލަށް އަމަލުކުރަން ފަށާ އިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، ބަދަލު ބޭނުންވާ ނަމަ އުސޫލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހަޅަންޖެހޭނެ އެެވެ. އަދި އުސޫލުގައިވާ ގޮތުން އެފަދަ މައްސަލައެއް ހައްލު ކުރުމަށް ކޮމެޓީއެއް އުފައްދަން ޖެހޭނެ އެވެ. އެ ކޮމެޓީގައި ރައީސް އޮފީހުން ކަނޑައަޅާ މީހެއްގެ އިތުރުން ކަމާބެހޭ މިނިސްޓްރީތަކުން، ކޮންމެ މިނިސްޓްރީއަކުން ކަނޑައަޅާ މީހަކު ހިމެނޭނެ އެވެ.

މި އުސޫލުގައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފަ އެވެ. އޭގެތެރޭގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން ހިމެނެ އެވެ. އަދި މައްސަލައެއްގައި ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލުގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށް ވުރެ ބޮޑުވާ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް ގަބޫލުކުރެވޭ ނަމަ ވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެ އެވެ.

ބަދަލު ދޭނެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފެށި އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑެތި އަދަދުތަކަކުން އެކި ފަރާތްތަކަށް މިހާތަނަށް އެކި މައްސަލަތަކާ ގުޅިގެން ބަދަލު ދީފައިވެ އެވެ. އަދި މިކަމުގެ ބުރަ ސަރުކާރަށް ވަރަށް ބޮޑަށް އުފުލަން ވެސް ޖެހިފައިވެ އެވެ.