Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އާޖެންޓީނާ ބަލިކުރި ސައުދީ ކުޅުންތެރިންނަށް ކާރު

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި އާޖެންޓީނާ ބަލިކުރި ސައުދީ އަރަބިއްޔާގެ ކުޅުންތެރިންނަށް ހަދިޔާގެ ގޮތުގައި ލަގްޒަރީ ކާރު ދޭން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ތަރި ކަމަށްވާ ލިއޮނަލް މެސީ ވެސް ކުޅޭ އާޖެންޓީނާގެ ވަރުގަދަ ޓީމް ސައުދީން 2-1 އިން ބަލިކުރީ ދެ ޓީމް ބައްދަލުކުރި ފުރަތަމަ މެޗްގައި މި މަހުގެ 22 ގަ އެވެ. ސައުދީގެ އެ ނަތީޖާއިން މުޅި ދުނިޔެ ސިއްސުވާލި އިރު، އެ ގައުމަށް " ބޮޑު އީދެއް" އައިސްފައިވެ އެވެ. އެގޮތުން އެ ކާމިޔާބީއާ ގުޅިގެން މިދިޔަ ބުދަ ދަވަސް ސައުދީގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވެސް ހަމަޖެއްސި އެވެ.

ސައުދީގެ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން މިހާރު ނިންމާފައި އޮތީ ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގުބޫލު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ރޯލްސް-ރޯއިސް ބްރޭންޑްގެ ފޭންޓަމް ކާރޔ ހަދިޔާކުރުމަށެވެ. މިކަން އިއުލާންކުރެއްވީ ސައުދީގެ ޒުވާން ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ.

އޭނާ ވަނީ ވޯލްޑް ކަޕް ނިންމާފައި ސައުދީ ޓީމް އެނބުރި ގައުމަށް ދިއުމުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި ފހަގަކޮށްލެވޭ އާޖެންޓީނާގެ މައްޗަށް ސައުދީން ހޯދި ކާމިޔާބީ އަށްޓަކައި ކުޅުންތެރިންގެ އަގުވަޒަން ކުރަން ކާރު ހަދިޔާކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިނގިރޭސިވިލާތުގައިު އުފައްދާ ރޯލްސް-ރޯއިސް ފޭންޓަމް ކާރެއްގެ އެވްރެޖް އަގަކީ 450،000 ޑޮލަރު (7 މިލިއަން ރުފިޔާ) އެވެ.