Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ރެއިންބޯ ދިދަ ގެންގުޅުނު މީހާއަށް އަދަބު ދީފި

ފީފާ ވޯލްޑް ކަޕްގައި ރޭ އުރުގުއޭ އާއި ޕޯޗުގަލް ކުޅުނު މެޗު ކުރިއަށްދަނިކޮށް ރެއިންބޯ ދިދައަކާއެކު ދަނޑަށް އެރި މީހާ އަށް ވޯލްޑް ކަޕްގެ ބާކީ ހުރި މެޗުތައް ބަލަން ދަނޑަށް ވަނުން މަނާކޮށްފި އެވެ.

އުރުގުއޭގެ މައްޗަށް 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި ރެއިންބޯ ދިދައާއެކު ދަނޑަށް އޭނާ އެރުމާއެކު ސެކިއުރިޓީ އޮފިޝަލުން ވަނީ އޭނާ ހައްޔަރުކޮށްގެން ދަނޑުން ބާލާފަ އެވެ. ރެއިންބޯ ދިދަ އަކީ އެއްޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ޝިޔާރެކެވެ.

ގަތަރުގެ ސުޕްރީމް ކޮމިޓީން ބުނީ ދަނޑަށް އެރި މީހާ ހައްޔަރުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ކުރި ކަންތައްތަކުގެ އަދަބެއްގެ ގޮތުން މިފަހަރުގެ ވޯލްޑް ކަޕްގެ ބާކީ ހުރި މެޗުތައް ބަލަން ދަނޑަށް ވަނުން މަނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެކުރިން ވޯލްޑް ކަޕްގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ރެއިންބޯ ޓީޝާޓެއް ލައިގެން ދަނޑަށް ވަންނަން އުޅުނު އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ގްރާންޓް ވާލް ވެސް ހިފަހައްޓާފަ އެވެ.

ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމާ ގުޅޭ ޝިޔާރުތައް ފާޅުކުރުން މަނަލެވެ. އެގޮތުން ވޯލްޑް ކަޕްގައި ޔޫރަޕްގެ ހަތް ޓީމަކުން "ވަންލަވް" ރެއިންބޯ ކެޕްޓަން ބޭންޑް އަޅަން ނިންމި ނަމަވެސް ފީފާ އިން ދީފާނެ އަދަބެއްގެ ސަބަބުން އެ ޓީމުތަކުން ފަހުން ވަނީ އެ ބޭންޑް ނާޅަން ނިންމައި އަމާންދީފަ އެވެ.