Last Updated: April 16, 11:51
Tuesday, April 16, 2024
ކުޅިވަރު

ހިތްބަލި މީހުން މިރޭގެ މެޗު ނުބެލުމަށް އެދެން

ހިތްބަލި މީހުން މިރޭ ސައުދީ އަރަބިއްޔާ ކުޅޭ މެޗު ނުބެލުމަށް އެދޭ ކަމަށް އެ ޓީމުގެ ކޯޗު ހާވް ރެނާޑް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީން މިރޭ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ސައުދީން މިރޭ މޮޅެއް ހޯދުން މަޖުބޫރެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރެނާޑް ބުނީ މިއީ 2012 އަދި 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ފަހު އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު މެޗު ކަމަށާއި މިފަދަ މެޗުތަކުން ބަލިވެއްޖެނަމަ ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން ސަޕޯޓަރުންގެ ސަޕޯޓާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން ކުޅުންތެރިން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށް ރެނާޑް ބުންޏެވެ.

"ހިތްބަލި މީހުން މިކަމާ މެދު ސަމާލުވެ މި މެޗު ނުބެލުމަށް އެދެން." ސަމާސާ ރާގެއްގައި ރެނާޑް ބުންޏެވެ.

ސައުދީ އަށް މިހާތަނަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދެވިފައިވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަނި ކަމަށްވާއިރު ރެނާޑް ބުނީ މިއީ މިހާރުގެ ކުޅުންތެރިންނަށް ތާރީހީ އަދި ސަޕޯޓަރުންގެ ހަނދާނުން ނުފޮހެވޭނެ ފަދަ ކަމެއް ކުރަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެކަން ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 30 އަހަރުތެރޭ މި ކުޅުންތެރިންގެ މަތިން ސަޕޯޓަރުން ހަނދާން ނެތޭނެ ކަމަށްވެސް ރެނާޑް ބުންޏެވެ.

ސައުދީއާ ދެކޮޅަށް މިރޭ ނިކުންނަ މެކްސިކޯ އަކީ ވަރުގަދަ އަދި ތަޖުރިބާކާރު ޓީމެއް ކަމަށާއި ދެވަނަ ބުރަށް ދެވޭނީ 100 ޕަސެންޓަށް ވުރެ ބޮޑަށް މަސައްކަތްކޮށްގެން ކަމަށް ރެނާޑް ބުންޏެވެ. އެގޮތުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެކްސިކޯ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެ މެޗުގައި ތަފާތު ދެއްކީ ލިއޮނަލް މެސީ ކަމަށް ރެނާޑް ބުނެފައިވެ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ސައުދީގެ ތިން ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު ސަސްޕެންޝަނުގެ ސަބަބުން ވެސް އެއް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ.

ސައުދީ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:00 ގަ އެވެ.