Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

100 މިލިއަން ޑޮލަރު ދިނީ ޝަރުތަކާ ނުލާ: އިންޑިއާ

ރައީސް ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު- ފޮޓޯ: ރައީސް އޮފީސް

100 މިލިއަން ޑޮލަރުގެ ބަޖެޓަރީ ސަޕޯޓުން ހާމަވަނީ އިންޑިއާ އަދި ރާއްޖޭގެ ގުޅުމުގެ ހަރުދަނާކަމާއި އިތުބާރު ކަމަށް އިންޑިއާ އެމްބަސީން ބުނެފިއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރާ ގުޅޭގޮތުން އިންޑިއާ އެމްބަސީން ނެރުނު ނޫސްބަޔާނެއްގަިއ ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގެ ދަށުން އިންޑިއާ އާއި ރާއްޖެ ކޮވިޑުގެ ވަބާގައި ކުރިމަތިވި ގޮންޖެހުންތަކާއި، ފަހަކަށް އައިސް ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ވަރަށް ގާތް މަސައްކަތްތަކެއް އެކުގައި ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުންދަނީ އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ރޮނގުންވެސް އިތުރަށް ފުޅާވަމުން ކަމަށެވެ. އަދި އެކަމުގެ ސީދާ ފައިދާ ދެގައުމުގެ ރައްޔިތުންނަށްވަމުން އަންނަކަމަށެވެ.

އެހީއާ ގުޅޭގޮތުން އިންޑިއާ އެމްބަސީން ބުނެފައިވަނީ މި ފައިސާގެ އެހީ ފޯރުކޮށްދެވެނީ އެސްބީއައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށް ކަމަށެވެ. އަދި ބަޖެޓަރީ ސަޕޯޓުގެ ގޮތުގައި ދެވޭ 100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާ ނުލާ، ދިވެހި ސަރުކާރުން އެދޭގޮތެއްގައި ހޭދަކުރުމަށް ކަމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިވާކަން އެމްބަސީން ފާހަގަ ކޮށްފައިވެއެވެ.

"އެގޮތުން މިފޯރުކޮށްދެވޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަރީ ސަޕޯޓްއިން ހާމަަވަނީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ހަރުދަނާކަމާއި އިތުބާރެވެ. އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ދަނީ ދެގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެކުއެކީ މަސައްކަތްކުރަމުންނެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުވަނީ ހާއްސަ ގުޅުމެކެވެ." އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.