Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

މަރާމާތަށް ގެންދިޔަ އެޗްއާރްއެޗް ލޯންޗް ފ. އަތޮޅަށް

ހާލު ބޮޑުވި މާބަނޑު ތިން މީހަކު ފުވައްމުލަކަށް ހޮސްޕިޓަލް ލޯންޗްގައި ފުރުވާލަނީ. ފޮޓޯ: އައްޑޫލައިވް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ހުޅުމީދޫ އަދި ފުވައްމުލަކު ބަލި މީހުން ގެނައުމަށް ބޭނުން ކުރަމުން ދިޔަ ލޯންޗް މަރާމާތަށް ގެންދިއުމަށް ފަހު ފ. އަތޮޅަށް ފޮނުވައިފިއެވެ.

"އައްޑޫލައިވް"އަށް އެނގިވައިވާ ގޮތުގައި ހުޅުމިދޫ ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުގައި އޮންނަ ލޯންޗް މަރާމާތަށް އެމްއެންޑީއެފްއިން މާލެ ގެންދިއުމަށްފަހު އެ ލޯންޗް ވަނީ "ސީ އެމްބިއުލަންސް"ގެ ގޮތުގައި ބޭނުން ކުރުމަށް ފ. އަތޮޅަށް ފޮނުވާފައެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން މާބަނޑު މީހުންނާއި އެހެނިހެން ބަލި މީހުން އުފުލުމަށް ބޭނުން ކުރަމުން ދިޔަ ލޯންޗް ފޮނުވާލުމާއި ގުޅިގެން، ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ އިމަޖެންސީގައި ސިއްހީ މަރުކަޒަށް ގެންނަ ބަލި މީހާ އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ކުރިން ހުޅުވިފައި ހުރި ގޮތް މުޅިން ބަންދުވީ ކަމަށެވެ.

"އަޅުގަނޑު މެންނަކަށް ސީ އެމްބިއުލެންސްއެއް ބޭނުން ނޫނީތޯ؟ އޮތް ލޯންޗް ގަނޑުވެސް އެހެން ތަނަކަށް ދިނީ"

އޭނާ ބުނީ މިކަމަކީ ހުޅުމީދޫ ރައްޔިތުންނާއި ދޭތެރޭ ސަރުކާރުން އަޅާލުން ކުޑަކަން ދައްކައިދޭ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ހުޅުމީދޫ ސިއްހީ މަރުކަރުގެ ބަހެއްއަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.'

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ލޯންޗަކީ ފުވައްމުލަކާއި އައްޑޫ އާއި ދެމެދު ބަލި މީހުން އުފުލުމަށް ވެސް ބޭނުން ކުރަމުން އަންނަ ލޯންޗެވެ. މިދިޔަ އަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މާބަނޑު މީހަކު ނެތިގެން ވިއްސަން ބަލި މީހުން ފުވައް މުލަކަށް އުފުލީވެސް މި ލޯންޗްގައެވެ.

އައްޑޫގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިސްކަމެއް ނުދޭ ކަމަށް ބުނެ އަޑު އުފުލަމުންދާ އިރު މިފަދަ ކަންކަމަކީ ސަރުކާރުން އައްޑޫ އާއި މެދު ދެކޭ ގޮތް ހާމަކޮށްދޭ ކަންކަމެވެ.