Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހުޅުމާލޭގެ އުތުރުން ފަތުރުވެރިކަމަށް ހާއްސަ ރަށެއް

ހުޅުމާލޭގެ އުތުރުން ތަރައްޤީ ކުރާ އާބަން އައިލް / ފޮޓޯ: އާބަން އައިލް

ހުޅުމާލޭގެ އުތުރުން ހުޅުމާލެއާއި ގުޅިފައި އޮންނަ ރަށް، އާބަން އައިލް ނަމުގައި ފަތުރުވެރިކަމަށް ހާއްސަ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢު ހައުސިންގް ޑިވެލޮޕްލެމެންޓް ކޯޕަރޭޝަން އެޗްޑީސީން ތަޢާރަފްކޮށްފި އެވެ.

އެޗްޑީސީން މިމަޝްރުޢޫގެ ތަފްސީލް އާންމުކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ މި ރަށަކީ، ހުޅުމާލެ އަދި ރާއްޖޭގެ އިޤްތިޞާދީ މައި ހަބާއި ގުޅިފައިވުމުން މިއީ ފަތުރުވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ މަޝްރޫޢެއް ކަމަށެވެ.

މިރަށުގައި އެކި މުއްދަތައް އަންނަ ފަތުރުވެރިންނަށް ޙިދުމަތްދެވޭނެ ވަސީލަތް ޤާއިމް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ހިމެނެއެވެ.

މިއީ ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނާއި، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިންނަށް އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފް.އެން.ބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ވަސީލަތްތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހުޅުމާލޭ ބަލަހައްޓާ އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ އުތުރުން ތަރައްޤީ ކުރާ އާބަން އައިލް / ފޮޓޯ: އާބަން އައިލް

އެޗްޑީސީން ފާހަގަ ކުރިގޮތުގައި 23 ހެކްޓަރުގެ މި ރަށުގައި މިބާވަތުގެ ގިނަ ފުރުސަތުތައް ހުރުމުން މި ރަށް ވެގެންދާނީ، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ. މިގޮތުން އިންވެސްޓަރުންނަށް ޖޭވީ މޮޑެލްއަށް، ލީސް މޮޑެލް އަދި އެހެނިހެން މޮޑެލްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން މިރަށުގައި އޯޕަން އެކްސެސް ނެޓްވޯކެއް ޤާއިމްކޮށް ޒަމާނީ ރަށެއްގެ ގޮތުގައި މިތަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރާއިރު މިމަޝްރޫޢުއަކީ ތިމާވެއްޓާއި ވީހާވެސް ރަށްޓެހި މަޝްރޫޢުއަކަށް ވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް މިމަޝްރޫޢުގެ ސަބަބުން ކުރިއެރުން ލިބުމުގެ އިތުރުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ދެކޭގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހި ފަަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް އަންނާނެއެވެ. އެގޮތުން މާލޭ ސަރަހައްދަށް އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބި ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.