Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

މެޗު ޕްރިވިއު: ފްރާންސް-ޓިއުނީޝިއާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ޑީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ފްރާންސް އާއި ޓިއުނީޝިއާ އެވެ.

ފްރާންސް އިން މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅު ހޯދައި ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި އޮސްޓްރޭޔާއާ ބައްދަލުކޮށް ފްރާންސް މޮޅުވީ 4-1 އިންނެވެ. ދެވަނަ މެޗުގައި ޑެންމާކްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 2-1 އިންނެވެ. ޓިއުނީޝިއާ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ޑެންމާކްއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އޮސްޓްރޭލިއާ އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ.

ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަކީ މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެވަނަ އަށް އެންމެ ގިނަ މެޗުން މޮޅުވެ އިޓަލީން ހަދާފައިވާ ރެކޯޑާއި އެޓީމަށް އަރާ ހަމަކުރެވޭނެ އެވެ. އިޓަލީން އެ ރެކޯޑް ހެދީ ޖެހިޖެހިގެން ހަތް މެޗުން މޮޅުވެގެންނެވެ.

ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރަން ފްރާންސަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމުން މި މެޗަށް ފްރާންސުން ނެރޭ ފުރަތަމަ އެގާރައިން ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔުމަށް ޓިއުނީޝިއާ އަށް އަމިއްލަ ބާރެއް މިހާރު ނެތްއިރު ކިރިޔާ ވެސް އެޓީމަށް ފުރުސަތެއް އޮތީ މިރޭ ފްރާންސް ބަލިކޮށްގެންނެވެ. ގޯލެއް ނުޖެހި މީގެކުރިން ވޯލްޑް ކަޕެއް ނިންމާލާފައި ނުވާ ޓިއުނީޝިއާ އަށް މިފަހަރުގެ ވޯލްޑް ކަޕްގައި އަދި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ވަރަށް ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ޓިއުނީޝިއާ އަކީ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް ނިމުނުއިރު ގޯލެއް ކާމިޔާބު ނުކުރެވޭ ދެވަނަ ޓީމެވެ. އަނެއް ޓީމަކީ މެކްސިކޯ އެވެ.

ފްރާންސް

މިއީ އެފްރިކާގެ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕެއްގައި ފްރާންސުން ނިކުންނަ ހަވަނަ ފަހަރެވެ. އެ ހަ މެޗުގެ ތެރެއިން ތިން މެޗުން ފްރާންސް މޮޅުވިއިރު އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

ފްރާންސުން ޓިއުނީޝިއާއާ ދެކޮޅަށް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ދެ މެޗުން ފްރާންސް މޮޅުވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ފްރާންސް ޓީމުގައި ނެތެވެ

ޓިއުނީޝިއާ

ވޯލްޑް ކަޕްގައި ޓިއުނީޝިއާ އިން ކުޅުނު ސަތާރަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.

ޓިއުނީޝިއާ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕް ނިންމާލީ މޮޅެއް ނުލިބި އެވެ. މޮޅެއް ނުލިބި ޓިއުނީޝިއާ އިން ނިންމާލީ 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

ފްރާންސާއި ދެކޮޅަށް ނިކުންނައިރު ޓިއުނީޝިއާ ޓީމު އޮތީ މުޅިން ފިޓްކޮށެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރާ ހަވަނަ ފަހަރެވެ. އޭގެތެރެއިން ދެ މެޗުން ފްރާންސް މޮޅުވިއިރު ޓިއުނީޝިއާ މޮޅުވީ އެންމެ މެޗަކުންނެވެ. މިއީ ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ފްރާންސް އާއި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.