Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސިމްް ވިއްކާ އުސޫލު ހަރުކަށިކޮށްފި

މޯބައިލް ފޯން ސިމް ޓްރޭ

މޯބައިލް ސިމް ވިއްކާ އުސޫލަށް ބަދަލު ގެނެސް ޤަވާއިދު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހަރުކަށި ކޮށްފިއެވެ.

މޯބައިލް ސިމް ވިއްކާ އުސޫލަށް ގެނައި ބަދަލާއި ގުޅޭ ގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ކުރި އިއުލާނުގައި ބުނީ، މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ވިއްކާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސިމް ވިއްކާއިރު ހުންނާނީ ނޮން އެކްޓިވޭޓެޑް ސްޓޭޓަސް ނުވަތަ ބޭނުން ނުކުރޭ ހާލަތުގައި ކަމަށެވެ.

އަދި ސިމް އެކްޓިވޭޓް ވާނީ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު އެ ސާވިސް ޕްރޮވައިޑަރަކަށް ލިބުމުން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ބުނެއެވެ. މި އުސޫލަށް އަމލު ކުރާނީ 1 ޑިސެމްބަރ 2022 އިން ފެށިގެންނެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ލިބޭނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ބުނެއެވެ.

ސިމް ވިއްކާ އުސޫލަށް ކޮމިއުނިކޭޝަން އޮތޮރިޓީން ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ބަދަލުތަކެއް ވެސް ގެންނާނެ ކަމަށް އެ އޮތޯރިޓީ ބުނެއެވެ.

މިހާރު ގެނެވުނު ބަދަލާއިއެކު ސިމް ސީދާ ސާވިސް ޕްރޮވައިޑަރެއްގެ އަތުން ގަނެފިނަމަ ވަގުތުން އެކްޓިވޭޓް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިއުސޫލުގެ ދަށުން 3 ވަނަ ފަރާތެއް މެދުވެރިކޮށް ގަންނަ ސިމެއް ނަމަ، އެކްޓިވޭޓް ވާނީ ކަސްޓަމަރުގެ މައުލޫމާތު ފުރިހަމައަށް ސާވިސް ޕްރޮވައިޑަރަށް ލިބިގެންނެވެ.

ރާއްޖޭގައި ސިމް ވިއްކާ އޫސުލު އިތުރަށް ހަރުކަށި ކޮށްފައި މިވަނީ ރާއްޖޭގައި މޯބައިލް ފޯން މެދުވެރިކޮށް ކުރާ ސްކޭމް ކޯލުތައް އިތުރުވެ މައްސަލަ ޤައުމީ މައްސަލަައަކަށް ވެފައި ވަނިކޮށެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތާއި ގުޅޭ ގޮތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިކަން ހުއްޓުމުވަށް ފުލުހުން ކުރަމުންދާ މަސައްކަތައް އަލި އަޅުއްވާލާފައެވެ. އެގޮތުން ސްކޭމް ކޯލުތައް ހުއްޓުވުމަށް 2196 މޯބައިލް ނަންބަރުގެ ޚިދުމަތް ވަނީ ކަނޑާލާފައިވާ ކަމަށާއި އަދި 817 ފޯނުގެ އައި.އެމް.އީ.އައި ވަނީ ބްލެކްލިސްޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.