Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

މެޗު ޕްރިވިއު: ޑެންމާކް-އޮސްޓްރޭލިއާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ޑީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ޑެންމާކް އާއި އޮސްޓްރޭލިއާ އެވެ.

ޑެންމާކަށް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޓިއުނީޝިޔާއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އެޓީމު ވަނީ 2-1 އިން ފްރާންސް އަތުން ބަލިވެފަ އެވެ. އޮސްޓްރޭލިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން 4-1 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ޓިއުނީޝިއާގެ މައްޗަށް 1-0 އިން ކުރި ހޯދާފަ އެވެ.

މިރޭގެ މެޗު އެއްވަރުކޮށްލައިން ވެސް އޮސްޓްރޭލިއާ އަށް ދެވަނަ ބުރަށް ދެވޭއިރު، ޑެންމާކަށް ދެވަނަ ބުރަށް ދެވޭނީ މިރޭގެ މެޗުން މޮޅުވެގެންނެވެ.

އޮސްޓްރޭލިއާ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތް ނިންމާލަން ޖެހުނުއިރު އެޓީމަށް އެންމެފަހުން މުބާރާތުގެ ދެވަނަ ބުރަށް ދެވިފައިވަނީ 2006 ވަނަ އަހަރު އެވެ. މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ އިން ކުޅުނު ދެ މެޗު ވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފުރަތަމަ ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް އެ މެޗުގައި އޮސްޓްރޭލިއާގެ ޑިފެންސްލައިން އާދައިގެ ގޮތަކަށް ފެނުނު ނަމަވެސް ދެވަނަ މެޗުގައި އޮސްޓްރޭލިއާ އިން ވަނީ އެކަން ރަނގަޅުކޮށް ވޯލްޑް ކަޕްގެ ތިންވަނަ މޮޅު ހޯދާފަ އެވެ. ޑެންމާކާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދުމަށް އޮސްޓްރޭލިއާ އިން މިރޭ އެފަދަ ހިތްވަރުގަދަ ކުޅުމެއް ދައްކަންޖެހެ އެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ޑެންމާކަށް މި މުބާރާތުގައި އުއްމީދުކުރި ވަރުގެ ކުޅުމެއް އަދި ނަތީޖާއެއް ވެސް ނުނެރެވެ އެވެ. މިއީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު ވެސް ޑެންމާކަށް ދިޔަ ގޮތެވެ. އެގޮތުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ޑެންމާކް މޮޅުނުވި ނަމަވެސް އެޓީމު ވަނީ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް އެންމެފަހުން ދަތުރުކޮށްފަ އެވެ. ޑެންމާކުން މިރޭގެ މެޗަށް ނިކުންނައިރު ހިތްވަރު ލިބިގަންނާނީ އެކަމުންނެވެ. ޑެންމާކަށް އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު ދެވަނަ ބުރަށް ދިޔުމަށް ޑެންމާކުން މިރޭ މި ސިލްސިލާ އަށް ނިމުން ގެންނަންޖެހެ އެވެ.

އޮސްޓްރޭލިއާ

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އޮސްޓްރޭލިއާ އިން ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަދި އޮސްޓްރޭލިއާ އަށް އޭގެތެރެއިން މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންނެވެ.

އޮސްޓްރޭލިއާ އިން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު 18 މެޗުގެ ތެރެއިން ހޯދިފައިވަނީ އެންމެ ތިން މޮޅެވެ. އެ 18 މެޗުގެ ތެރެއިން އޮސްޓްރޭލިއާ 11 މެޗުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އޮސްޓްރޭލިއާގެ ޕްލޭމޭކަރު އެޑިން ރުސްޓިޗް ވަނީ މި މެޗަށް ފިޓްވެފަ އެވެ.

ޑެންމާކް

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް މެޗުން ޑެންމާކަށް މޮޅެއް ހޯދިފައި ނުވާއިރު ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗުން އެޓީމު މިހާތަނަށް ދުވަހަކު ވެސް ބަލިވެފައެއް ނުވެއެވެ.

ވޯލްޑް ކަޕްގެ މެޗެއްގައި ޑެންމާކަށް އެއް ގޯލަށް ވުރެ ގިނަ ގޯލް އެންމެފަހުން ކާމިޔާބު ކުރެވުނީ 2010 ވަނަ އަހަރު އެވެ. އެފަހަރު ކެމަރޫންގެ މައްޗަށް ޑެންމާކުން ކުރި ހޯދީ 2-1 އިންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ޑެންމާކް ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ އޮސްޓްރޭލިއާ އާއި ޑެންމާކް ބައްދަލުކުރާ ފަސްވަނަ ފަހަރެވެ. މީގެކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ޑެންމާކް މޮޅުވިއިރު އޮސްޓްރޭލިއާ އަށް މޮޅެއް ހޯދުނީ އެންމެ މެޗަކުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އޮސްޓްރޭލިއާ އާއި ޑެންމާކް ބައްދަލުކުރާ މެޗު ފަށާނީ މިރާ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.