Last Updated: March 28, 17:21
Thursday, March 28, 2024
ކުޅިވަރު

މެޗު ޕްރިވިއު: އާޖެންޓީނާ-ޕޮލެންޑް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ސީ ގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ޕޮލެންޑެވެ.

އާޖެންޓީނާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ މެކްސިކޯގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. ޕޮލެންޑުން ފުރަތަމަ މެޗުގައި މެކްސިކޯއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ސައުދީ 2-0 އިން ބަލިކޮށްފަ އެވެ.

ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އިތުރުން ދެ ޓީމުން ވެސް މިރޭ ނިކުންނަނީ ގްރޫޕްގެ އެއްވަނަ ވެސް ހޯދުމަށެވެ. އެކަން ކުރުމަށް ޕޮލެންޑަށް ބޭނުންވަނީ އެއް ޕޮއިންޓު ކަމަށްވާއިރު ގްރޫޕްގެ އެއްވަނަ ހޯދަން އާޖެންޓީނާ އަށް މިރޭ މޮޅުވުން މަޖުބޫރެވެ.

އެންމެފަހުން ބޭއްވި ހަތަރު ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު އެޓީމު އެންމެފަހުން ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތް ނިންމާލަން ޖެހުނީ 2002 ވަނަ އަހަރު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި މެކްސިކޯ ބަލިކުރުމުން ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާ އަށް ވަނީ ލިބިގެން ގޮސްފަ އެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕްރެޝަރާއެކު އާޖެންޓީނާ ކުޅުނުއިރު އެ މެޗުން މޮޅުވުމުން މިރޭގެ މެޗަށް އާޖެންޓީނާ ނިކުންނާނީ އިތުބާރާއެކުގައި ކަމަށް ބެލެވެ އެވެ.

ޕޮލެންޑުން އެންމެފަހުން ވާދަކުރި ދެ ވޯލްޑް ކަޕުން ވެސް އެޓީމު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުން ކަމަށްވާއިރު އެ ސިލްސިލާ އަށް ނިމުން ގެނައުމުގެ އަމިއްލަ ބާރު މިރޭގެ މެޗަށް ނިކުންނައިރު ޕޮލެންޑަށް އެބައޮތެވެ. ޑިފެންސިވް ސިސްޓަމަކަށް ކުޅޭ ޕޮލެންޑް ކޮޅަށް މި ވޯލްޑް ކަޕްގައި އަދި ގޯލެއް ވަދެފައި ނުވާއިރު އާޖެންޓީނާގެ އެޓޭކް މަތަކުރުމަކީ އެޓީމަށް މި މުބާރާތުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ޗެލެންޖެވެ. އާޖެންޓީނާއާ ދެކޮޅަށް އެންމެފަހުން ޕޮލެންޑުން ކުޅުނު 11 މެޗުގައި ވެސް އެޓީމު ކޮޅަށް ގޯލު ވަދެފައިވާއިރު ޕޮލެންޑް މިރޭ ނިކުންނާނީ އެކަމުން ފިލާވަޅުތަކެއް ލިބިގެންނެވެ.

އާޖެންޓީނާ

ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް އާޖެންޓީނާ އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ މިދިޔަ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަދި ފްރާންސް އަތުންނެވެ. އާޖެންޓީނާ މީގެކުރިން ޖެހިޖެހިގެން ތިން މެޗުން ޔޫރަޕްގެ ޓީމުތައް އަތުން ބަލިވެފައެއް ނުވެ އެވެ.

އެންމެފަހުން ކުޅުނު ހަ މެޗުގައި ވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލް ޖަހާފައިވާއިރު މެސީ އަށް މީގެކުރިން ޖެހިޖެހިގެން ހަތް މެޗުގައި އާޖެންޓީނާ އަށް ގޯލު ކާމިޔާބުކޮށްދެވިފައެއް ނުވެ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް އާޖެންޓީނާ ޓީމުގައި ނެތެވެ.

ޑެންމާކް

ޕޮލެންޑުން އެންމެފަހުން ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ތިން މެޗުގައި އެޓީމަށް އެންމެ ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ޕޮލެންޑް ކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ. ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަތަރު މެޗެއްގައި ޕޮލެންޑަށް މީގެކުރިން ކްލީންޝީޓެއް ހޯދިފައެއް ނުވެ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ޕޮލެންޑް ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއި ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރާ ތިންވަނަ މެޗެވެ. އެގޮތުން 1974 ގައި ކުޅުނު މެޗު 3-2 އިން ޕޮލެންޑުން ކާމިޔާބު ކުރިއިރު އޭގެ ހަތަރު އަހަރު ފަހުން ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.

އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.