Last Updated: April 19, 21:23
Friday, April 19, 2024
ކުޅިވަރު

16 އަހަރަށް ފަހު އޮސްޓްރޭލިއާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި މިރޭ 1-0 އިން ޑެންމާކް ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް އޮސްޓްރޭލިއާ ދަތުރުކޮށްފި އެވެ.

މިއީ 2006 ވަނަ އަހަރަށްފަހު އޮސްޓްރޭލިއާ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މިއީ އޮސްޓްރޭލިއާގެ ތާރީހުގައި ވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ދެވަނަ ފަހަރެވެ.

މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރޭލިއާ ޖާގަ ހޯދީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އޮސްޓްރޭލިއާ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރީ ފްރާންސަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފްރާންސް މިރޭ ވަނީ 1-0 އިން ޓިއުނީޝިއާ އަތުން ބަލިވެފަ އެވެ. މިރޭގެ މޮޅާއެކު ޓިއުނީޝިއާ ހަތަރު ޕޮއިންޓާ އެކު ނިންމާލީ ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ ފުލަށްދިޔަ ޑެންމާކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ދެވަނަ ބުރުގައި އޮސްޓްރޭލިއާ ބައްދަލުކުރާނީ ގްރޫޕް ސީ އިން އެއްވަނައަށްދާ ޓީމަކާ އެވެ. އަދި ފްރާންސް ކުޅޭނީ ގްރޫޕް ސީ އިން ދެވަނައަށްދާ ޓީމަކާ އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އޮސްޓްރޭލިއާ އަށް މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެތިއު ލެކީ އެވެ. އޮސްޓްރޭލިއާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ލެކީ މި ގޯލް ކާމިޔާބުކުރީ ޑެންމާކުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް އޮސްޓްރޭލިއާ އިން ޑިފެންސިވްކޮށް ކުޅެމުންދިޔައިރު ޑެންމާކުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޑެންމާކުގެ ކޯނެލިއަސް އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި ގްރޫޕްގައި މިރޭ ޓިއުނީޝިއާ އަތުން ގިނަ ބަދަލުތަކަކާއެކު ނިކުތް ފްރާންސް ބަލިވިއިރު މި މެޗުގެ ހަމައެކަނި ގޯލް ޓިއުނީޝިއާ އަށް މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވަބީ ކަޒްރީ އެވެ. ކަޒްރީ މި ގޯލް ކާމިޔާބުކުރީ ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ކީޕަރާއި ކައިރިވުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ އެންޓުއާން ގްރިޒްމަންގެ ގޯލަކާއެކު ފްރާންސުން ނަތީޖާ އެއްވަރުކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު އެ ގޯލް ކެންސަލްކޮށްފަ އެވެ.

މިއީ ޓިއުނީޝިއާ އިން ޔޫރަޕްގެ ޓީމެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ވޯލްޑް ކަޕްގައި ހަ މެޗަށްފަހު ފްރާންސް ބަލިވި ފުރަތަމަ މެޗުވެސް މެ އެވެ.