Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ސައުދީ-މެކްސިކޯ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް ސީ ގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އެވެ.

ސައުދީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން 2-1 އިން މޮޅުވިއިރު ދެވަނަ މެޗުގައި އެޓީމު ވަނީ ޕޮލެންޑް އަތުން 2-0 އިން ބަލިވެފަ އެވެ. މެކްސިކޯ އަށް މިފަހަރުގެ ވޯލްޑް ކަޕެއްގައި އަދި މޮޅެއް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ޕޮލެންޑާއި ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އާޖެންޓީނާ އަތުން 2-0 އިން އެޓީމު ވަނީ ބަލިވެފަ އެވެ.

މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް މިރޭ އޮތްއިރު މިރޭގެ މެޗުން މޮޅުވުން ދެ ޓީމަށް ވެސް މަޖުބޫރެވެ.

ސައުދީ އަށް އެންމެފަހުން މުބާރާތުގެ ދެވަނަ ބުރަށް ދެވިފައިވަނީ 1994 ވަނަ އަހަރު ކަމަށްވާއިރު އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ސައުދީން ދައްކަމުން އަންނަނީ ތަފާތު ކުޅުމެކެވެ. އެގޮތުން ފުރަތަމަ މެޗުން އާޖެންޓީނާ ބަލިކުރީ "އޮޅުމަކުން" ނޫންކަން ދެވަނަ މެޗުގައި ސައުދީން ދެއްކި ކުޅުމުން ވެސް ސާބިތުވެ އެވެ. ދެވަނަ މެޗުގައި ސައުދީ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފުމެވެ. ގިނަ އަހަރުތަކަކަށްފަހު ދެވަނަ ބުރުން ޖާގަ ހޯދަން ސައުދީން ބޭނުންވާނަމަ އެއީ މިރޭ ސައުދީން ރަނގަޅު ކުރަންޖެހޭނެ ކަމެކެވެ.

މެކްސިކޯ ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް ނުގޮސް އެންމެފަހުން ކެޓީ 1978 ވަނަ އަހަރު އެވެ. އެންމެފަހުން ކުޅުނު 8 ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ދެވަނަ ބުރުން ޖާގަ ހޯދިއިރު ވޯލްޑް ކަޕުން މިފަހަރު ކެޓުމުގެ ބިރު އެޓީމަށް ވަރަށް ބޮޑަށް އެބައޮތެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުނުވުމުގެ އިތުރަށް މި މުބާރާތުގައި މެކްސިކޯ އަށް އަދި ގޯލެއް ވެސް ކާމިޔާބެއް ނުކުރެވެ އެވެ. މެކްސިކޯ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ކާމިޔާބު ނުކުރެވޭ ހަމައެކަނި ޓީމުވެސް މެ އެވެ. ސައުދީއާ ދެކޮޅަށް ނިކުންނައިރު މެކްސިކޯ އަށް ލިބޭ ހިތްހަމަޖެހުމަކީ އެޓީމާ ދެކޮޅަށް އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވުމުގެ ހިތްހަމަޖެހުމެވެ.

ސައުދީ

މިއަހަރުތެރޭ ސައުދީން ކުޅުނު 16 މެޗުގެ ތެރެއިން 8 މެޗެއްގައި އެޓީމަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އަދި އެއް ގޯލަށްފަހު ގިނަ ގޯލް ސައުދީ އަށް މިއަހަރުތެރޭ ކާމިޔާބު ކުރެވުނީ އެންމެފަހުން އާޖެންޓީނާ އަތުން 2-1 އިން މޮޅުވި މެޗުގަ އެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 18 މެޗުގެ ތެރެއިން ސައުދީ އަށް ކޮޅަށް ގޯލެއް ނުވަދެ ހިފަހައްޓާލެވުނީ އެންމެ މެޗެކެވެ. އެ 18 މެޗުގައި ސައުދީ ކޮޅަށް ޖުމްލަ 42 ގޯލް ވަދެފައިވެ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސައުދީ ކެޕްޓަން ސަލްމާން އަލް ފަރާޖަށް ވަނީ އަނިޔާގެ ސަބަބުން މުބާރާތް ނިމިފަ އެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި ފުލްބެކް މުހައްމަދު އަލް ބުރަޔަކަށް ނުކުޅެވޭއިރު ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ސައުދީގެ މިޑްފީލްޑަރު އަލް މާލިކީ އަށްވެސް ނުކުޅެވޭނެ އެވެ.

މެކްސިކޯ

ސައުދީ އަތުން މެކްސިކޯ މިހާތަނަށް ދުވަހަކު ވެސް އަދި ބަލިވެފައެއް ނުވެ އެވެ. އެގޮތުން ސައުދީއާ ދެކޮޅަށް ޖުމްލަ ފަސް މެޗު މެކްސިކޯ އިން ކުޅެފައިވާއިރު ހަތަރު މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް މެކްސިކޯ އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް މެކްސިކޯ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ސައުދީ އާއި މެކްސިކޯ ވޯލްޑް ކަޕެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 1999 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގަ އެވެ. އެ މެޗު 5-1 އިން ކާމިޔާބުކުރީ މެކްސިކޯ އިންނެވެ.

މެކްސިކޯ އާއި ސައުދީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.