ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީ އިން ދެވަނަ ބުރަށް އާޖެންޓީނާ އަދި ޕޮލެންޑް ދަތުރުކޮށްފި އެވެ.
އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ މިރޭ 2-0 އިން ޕޮލެންޑް ބަލިކުރުމަށްފަހު އެވެ. ޕޮލެންޑް މިރޭ ބަލިވި ނަމަވެސް ދެވަނަ ބުރުން ޖާގަ އެޓީމަށް ލިބުނީ މެކްސިކޯ އަށް ވުރެ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މެކްސިކޯ މިރޭ ވަނީ 2-1 އިން ސައުދީ އަރަބިއްޔާ އަތުން މޮޅުވެފަ އެވެ.
މި މޮޅާއެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓާ އެކު ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ ދެވަނަ ހޯދި ޕޮލެންޑް އަދި ތިންވަނަ ހޯދި މެކްސިކޯ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޕޮލެންޑަށް ކުރި ލިބުނީ އެންމެ ގޯލެއްގެ ތަފާތުންނެވެ. ގްރޫޕްގެ ފުލަށްދިޔަ ސައުދީ އަށް ލިބުނީ ތިން ޕޮއިންޓެވެ.
ދެވަނަ ބުރުގައި އާޖެންޓީނާ ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެވަނަ ހޯދި އޮސްޓްރޭލިޔާއާ އެވެ. ޕޮލެންޑް ނިކުންނާނީ ގްރޫޕް ޑީގެ އެއްވަނަ ހޯދި ފްރާންސްއާ ދެކޮޅަށެވެ.
ޕޮލެންޑާއި ދެކޮޅަށް މިރޭ ކުޅުނު މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނަގަން އެޓީމަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް ލިއޮނަލް މެސީ ފޮނުވާލި އެ ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ ދިފާއުކުރިއިރު މި ޕެނަލްޓީ އާޖެންޓީނާ އަށް ލިބުނީ ޝެޒްނީ މެސީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިއީ މި ވޯލްޑް ކަޕްގައި ޕޮލެންޑްގެ ގޯލްކީޕަރު މަތަކުރި ދެވަނަ ޕެނަލްޓީ އެވެ.
ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެލިކްސިސް މެކަލިސްޓާ ވަނީ އާޖެންޓީނާ އަށް ލީޑު ނަގާދީފަ އެވެ. ޕޮލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ދަނޑީގައި ޖެހިފަ އެވެ.
މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ދިޔައީ ޕޮލެންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ޖޫލިއަން އަލްވަރޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އާޖެންޓީނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަލްވަރޭޒް މި ގޯލް ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ލީޑު ފުޅާކޮށްލަން ވެސް އާޖެންޓީނާ އަށް އިތުރު ފުރުސަތުތަކެއް ދެވަނަ ހާފްގައި ލިބުނުއިރު މުޅި މެޗުގައި ވެސް ޕޮލެންޑަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
ދެވަނަ ބުރުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ. ޕޮލެންޑް އާއި ފްރާންސް ބައްދަލުކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރެ އެވެ.