Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

މީޑިއާ އިން އުޅެނީ ބެލްޖިއަމް ބައިބައިކޮށްލަން

ބެލްޖިއަމްގެ މީޑިއާ އިން އުޅެނީ ބެލްޖިއަމްގެ ގައުމީ ޓީމު ބައިބައިކޮށްލަން ކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔުމަށް ބެލްޖިއަމް އިން މިރޭ ކްރޮއޭޝިއާ ބަލިކުރަން މަޖޫބުވެފައިވާއިރު އެޓީމުގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފަ އެވެ.

އެކަމަށް އިޝާރާތް ކުރަމުން މާޓިނޭޒް ބުނީ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށާއި މިއީ ގައުމު އެއްބައިވަންތަ ކުރުވައި އެންމެން ވެސް ޓީމަށް ސަޕޯޓު ދިނުމަށް ބާރުއަޅާ މުބާރާތެއް ކަމަށެވެ. ނަމަވެސް ބެލްޖިއަމްގެ މީޑިއާތަކުން ފުންމައިގަތީ "ފޭކު" ހަބަރުތައް ފެތުރުމަށް ކަމަށާއި އަދި އެފަދަ މީޑިއާތަކުން ގައުމު އެއްބައިވަންތަ ކުރުމުގެ ބަދަލުގައި ޓީމާއި ގުޅޭގޮތުން ނޭދެވޭ ވާހަކަތައް ހޯދަން މާބޮޑަށް ޝައުގުވެރިވެފައިވާ ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ މިއީ ބެލްޖިއަމްގެ ޓީމަށް ލިބުނު ފިލާވަޅެއް ކަމަށާއި ޓީމުތެރޭ ބައިބައިވުން އޮތް ކަމަށް ބުނެ ފެތުރި ހަބަރާއެކު މިރޭގެ މެޗަށް ނިކުންނައިރު ކުޅުންތެރިން އިތުރަށް މޯޓިވޭޓް ވާނެ ކަމަށެވެ.

"ނޫސްވެރިއެއްގެ ގޮތުގައި ހުރެ އިދިކޮޅު ޓީމު ބަލިކަށިކޮށްލެވޭ ނަމަ އެކަން އަހަރެން ވެސް ކުރާނަން. އެކަން ކުރި މީހަކު އެކުރީ ހަމަ ވަރަށް މޮޅު ކަމެއް." މާޓިނޭޒް ބުންޏެވެ.

އެންމެފަހުން ބެލްޖިއަމުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް އެޓީމުން ދެވަނަ ބުރުން ޖާގަ ހޯދިއިރު ބެލްޖިއަމް އަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ޓީމެވެ.

ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.