ފީފާ ވޯލްޑް ކަޕުން ޖަރުމަނު ކެޓިސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ގްރޫޕް އީ ގައި ހިމެނޭ ޖަރުމަނަށް ދެ ޕޮއިންޓް ކުޅެ ނިމުނުއިރު ލިބުނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނުން މިރޭ ކޮސްޓަރީކާއާ ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް މި މެޗުން މޮޅުވުން ޖަރުމަނަށް މަޖުބޫރެވެ. ނަމަވެސް މި މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ކޮސްޓަރީކާ އަށް އެބައޮތެވެ.
ޖަރުމަނު ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.
ޖަރުމަނު މިރޭ މުބާރާތުން ކަޓައިފިނަމަ ކޯޗުކަމުގައި ދެމި ހުންނާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފްލިކް ބުނީ އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2024 ގައި ކަމަށާއި އެހެންކަމުން މަގާމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ނަމަވެސް ކަންކަން ކުރިއަށް ވާނެ ގޮތް ބުނަން ނޭނގޭނެ ކަމަށާއި 2024 ގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޓީމަށް ކޯޗުކަން ކޮށްދިނުމަށް އުއްމީދުކުރާ ކަމަށްވެސް ފްލިކް ބުންޏެވެ.
ޖަރުމަނު މިރޭ ނިކުންނަނީ މޮޅުވާން މަޖުބޫރު މެޗަކަށް ކަމަށްވީ ނަމަވެސް ފްލިކް ބުނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. އަދި ޓީމުގެ އަމާޒަކީ މިރޭ ކުރީކޮޅު ގޯލެއް ކާމިޔާބުކޮށް އިދިކޮޅު ޓީމު ޕްރެޝަރަށް ވައްޓާލުން ކަމަށާއި ކޮސްޓަރީކާ އިން ޑިފެންސިވް ގޭމެއް ކުޅޭނެއިރު އެކަމަށް ހައްލު ހޯދޭނެ ފެންވަރު ޓީމުގައި އެބަހުރި ކަމަށްވެސް ފްލިކް ބުންޏެވެ.
ޖަރުމަނާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.