ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މެކްސިކޯ ކެޓުމުން އެޓީމުގެ ކޯޗު ޖެރާޑޯ މާޓީނޯ މަގާމުން އިސްތިއުފާ ދީފި އެވެ.
ގްރޫޕްގެ ފަހު މެޗުން ރޭ ސައުދީ އަރަބިއްޔާ އަތުން 2-1 އިން މެކްސިކޯ މޮޅުވި ނަމަވެސް އެޓީމު ވޯލްޑް ކަޕުން ކެޓީ ގޯލުގެ ތަފާތުން ޕޮލެންޑުން ކުރި ހޯދުމުންނެވެ. މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ނުގޮސް މެކްސިކޯ ކެޓި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މާޓީނޯ ބުނީ މެކްސިކޯ މުބާރާތުގެ ދެވަނަ ބުރަށް ނުދިޔުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި ރެފްރީގެ ފަހު ކަށިގަނޑާއެކު މެކްސިކޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވާ ކަމަށާއި އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް މާޓީނޯ ބުންޏެވެ.
ކުރިން ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމަށް ކޯޗުކޮށްދިން މާޓީނޯ މެކްސިކޯގެ ޓީމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ މެކްސިކޯ ވަނީ ކޮންކަކަފް ނޭޝަންސް ލީގު އަދި ގޯލްޑް ކަޕުން އެމެރިކާ އަތުން ބަލިވެފަ އެވެ.
މެކްސިކޯ މިފަހަރުގެ ވޯލްޑް ކަޕް ނިންމާލީ ހަތަރު ޕޮއިންޓާ އެކު އެވެ.