ވޭތުވެ ދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ދިގު ތާރީހުގައި ފާހަގަކޮށްލެވޭ ކުރިން ނުދެކޭފަދަ ކާމިޔާބު އަދި ފައިދާ ބޮޑު ހަތަރު އަހަރެވެ. އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ހުސެއިން އަމްރު ހަވާލުވެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ ގިނަ މަޝްރޫއުތަކެއް ފަށާ، ރައްޔިތުންނާއި ހަމައަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފަ އެވެ. ރައްޔިތުންގެ އެތައް ގިނަ ބޭނުންތަކެއް ފުއްދައިދީ ގައުމަށް އެކި ގޮތްގޮތުން ތަރައްގީ ގެނައުމަށް މަގުފަހި ކޮށްދީފަ އެވެ. ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނާއި ގާތުން ގުޅިގެން އެތައް މަސައްކަތެއް ކޮށްފަ އެވެ. ފާއިތުވި އަހަރު އަހަރު އެސްޓީއޯ އިން ކުރި ފާހަގަކޮށްލެވޭ ކަންކަމަށް ބަލާލުން މުހިއްމެވެ.
އަމްރުގެ ލީޑަރޝިޕްގައި އެސްޓީއޯ އިން 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ސްކޫލްތަކުގެ ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވެފައިވެ އެވެ. އަދި އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސް ކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓިއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފަށާފައިވެ އެވެ.
އެސްޓީއޯގެ މުވައްޒަފުންނަށް ހަ މަސްދުވަހުގެ މެޓާރނިޓީ ލީވް ދިނުމަށް ފާސްކުރީ ވެސް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގަ އެވެ. 2020 ވަނަ އަހަރަކީ އެސްޓީއޯއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. އަދި އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް އެސްޓީއޯ އިން ވަނީ ފަހިކޮށްދީފަ އެވެ.
ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާއިރު ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް ވަނީ އިންސްޓޯލްކޮށްފަ އެވެ. އެސްޓީއޯއިން ވަނީ 4 ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ވެސް ހަދިޔާކޮށްދީފަ އެވެ.
ދެހާސް ވިހި ވެގެން ދިޔައީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށެވެ. ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް އެސްޓީއޯ އިން ވަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ލޮކްޑައުންއާ ގުޅިގެން ފުޑްކޯޓުތަކުގައި ވިޔަފާރި ކުރަމުން އައި އެސްއެމްއީސް ތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އެސްޓީއޯއިން ވަނީ ލީސް އެސިސްޓެންސް ފޯރުކޮށްދީފަ އެވެ.
ހަމަމިއާއެކު ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާފަ އެވެ. އަދި ކޮވިޑް ފެސިލިޓީސް ގާއިމުކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ތަކެތި އެސްޓީއޯއިން ފޯރުކޮށްދީފައިވެ އެވެ.
މީގެއިތުރުން އެސްޓީއޯ މެޑިކަލްސް އިން ރީޖަނަލް ކޮވިޑް 19 ފެސިލިޓީތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކުރިއިރު މިއީ ކޮވިޑް 19 އިން ރައްކާތެރިވެ ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީއެއްކަން ފާހަގަކޮށްލެވެ އެވެ.
ކޮވިޑް 19 ގެ ތެރޭގައި އެސްޓީއޯއިން ވަނީ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބެރުން ބޭސް ގެނެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާފަ އެވެ. މި ހިދުމަތް ވެގެންދިޔައީ ރާއްޖެއިން އާންމުކޮށް ލިބެން ނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކަށް ވެގެންދިޔަ ވަރަށް ބޮޑު ފަސޭހައަކަށެވެ. އަދި އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތް ވެސް ހަމަޖައްސާފައިވެ އެވެ.
2020 ވަނަ އަހަރުގެ މާރޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގާއިމުކުރިއިރު
އެ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިންގ ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެސްފައިވެ އެވެ. އަދި 2020 ވަނަ އަހަރު އެސްޓީއޯއިން އޮންލައިން ޝޮޕިންގއަށް މަގު ފަހިކޮށްދެވި، އީ-ސްޓޯރ ފެށިކަން ވެސް ފާހަގަކޮށްލެވެ އެވެ.
ފާއިތުވި ހަތަރު އަހަރުތެރޭ އެސްޓިއޯ އިން ވަނީ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވަރކޮށްދީފަ އެވެ. އަދި ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތިން ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ސްޕޮންސަރ ދީފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އާއި ޓިވެޓް އާއެކު އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގެރާމްގެ އެމްއޯޔޫ ގައި ސޮއިކުރެވުނުއިރު މި ޕްރޮގްރާމްގެ ދަށުން ރީޓޭލް ޚިދުމަތް، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަނުން، އަދި އައިޓީ ޓެކްނީޝަނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި އޭޕްރީލް، 5، 2021 ގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަރސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެފަ އެވެ. މީގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ އެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެމްވީ އެމްއެސްއެސް ގަލޭނާ މާލޭގެ ކޮމާޝަލް ހާރބަރަށް ބަނދަރުކުރެވުނުއިރު މިއީ ރާއްޖެއަށް މުދާ އެތެރެކުރުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އަދި ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރ ވެސް ގާއިމުކުރީ މިދިޔަ އަހަރު އެވެ. އަދި ތޮއްޑޫ އެގްރިސެންޓަރުގެ ހިދުމަތް ފަށާފައިވާއިރު އެގްރިސެންޓަރގެ ޒަރިއްޔާއިން ދިވެހި ދަނޑުވެރިންނަށް އެ ފަރާތްތަކުން އުފައްދާ ތަކެއްޗަށް ހަމައަގު ލިބުމަށް ވަނީ މަގުފަހިވެފަ އެވެ.
އެސްޓީއޯ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާ، ކަރުދާސް ކޮތަޅުތަކުގައި ބޭސް ދޫކުރަން ފަށާފައިވާއިރު ތިމާވެއްޓާއި ރައްޓެހި ސިމެންތި ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެއާއެކު، މިނިމަމް ވޭޖްގެ މިންގަނޑުތަކަށް ފެތޭގޮތަށް މުވައްޒަފުންގެ މުސާރަ ދިނުމަށް ނިންމިއިރު އެސްޓީއޯއަކީ މި ނިންމުން ނިންމާފައިވާ ސަރުކާރުގެ ފުރަތަމަ ކުންފުނިކަން ފާހަގަކޮށްލެވެ އެވެ.
އެސްޓީއޯ މުވައްޒަފުންގެ މުސާރަ އޮނިގަނޑަށް ހެޔޮ ބަނދަލުތަކެއް ފާއިތުވި އަހަރު ގެނެވުނުއިރު މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ބަދަލެއް ގެނައި ފުރަތަމަ ފަހަރުވެސް މެ އެވެ. އަދި "އިވޯވް" ޑިޖިޓަލް ބޭންކިން އޮޕަރޭޓުކުރުމުގެ ލައިސެންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅާފައިވާއިރު އެސްޓީއޯގެ ފުށް ފެކްޓްރީގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
މި އަހަރު ފެށުނީ އެސްޓީއޯގެ ސްޓްރެޓީޖިކް ޕްލޭން އަދި ސްޓްރެޓީޖިކް މެޕް، މުވައްޒަފުންނަށް ހިއްސާކުރުމަށް ބޭއްވުނު ހަފްލާއަކުން ކަމަަށްވާއިރު މި ހަފްލާގައި މި އަހަރު ކޮންމެ ޑިޕާރޓްމަންޓަކަށް ކަނޑައެޅިފައިވާ ކޭޕީއައިތައް ވަނީ ޕްރެޒެންޓްކޮށްދީފަ އެވެ.
އެސްޓީއޯއަކީ އޭސީސީއޭ އެޕްރޫވްޑް އެމްޕްލޮޔަރއެއްގެ ގޮތުގައި އޭސީސީއޭއިން ކަނޑައަޅާފައިވާއިރު އެސްޓީއޯއިން ވަނީ މިއަހަރުތެރޭ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައި ސޮއިކޮށްފަ އެވެ.
އަދި ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޮޓަރީއެއް އެސްޓީއޯ އިން ގާއިމްކޮށްފައިވާއިރު މި ލެބް ހެދިފައިވަނީ ޔޫއޭއީގެ ޖިއޯކެމް އާއެކު އެވެ. މިއީ މިފަދަ ފެސިލިޓީއެއް، މި ފެންވަރުގައި، ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.
އެސްޓީއޯ ޕީސީ އަދި ކޮންސްޓްރަކްޝަން އޭޖެންޓުންނަށްވުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން، މިއަދު ޖުމްލަ 207 އެސްޓީއޯ ޕީ.ސީ އޭޖެންޓުންއަދި 65 ކޮންސްޓްރަކްޝަން އޭޖެންޓުން އެބަ ތިއްބެވެ. އަދި ޒަމާނީ ފެންވަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާރޓް ބަދަލުކޮށް، ރެކް އަދި ސްޕޭސް ލީސިން މިއަހަރުތެރޭ ވަނީ ތައާރަފްކޮށްފަ އެވެ. މި މޮޑަލްއަށް ލިބުނު ތަރުހީބުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެގެން ދިޔައީ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް، ހިތްގައިމު ތަނަކަށެވެ.
އެސްޓީއޯ އިން ވަނީ ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައި ސޮއިކޮށްފައި އެވެ. މި ޕްރޮޖެކްޓްގެ ދަށުން 7500 ސީ.ބީ.އެމްގެ ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެވިފަ އެވެ. ޖޫން 2022 ގައި އެސްޓީއޯއިން ވަނީ މަކީޓާ ޓޫލްސްއަށް ހާއްސަ ފިހާރައެއް ހުޅުވާފަ އެވެ. އަދި ސަރވިސް ސެންޓަރގެ ޚިދުމަތްތައް ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.
މީގެއިތުރުން މުވައްޒަފުންނަށް ހާއްސަކޮށް އެކިއެކި ޕްރިވިލެޖްތައް ލިބޭ ޕްރޮގްރާމެއްވެސް އެސްޓީއޯ އިން ފެށީ މިއަހަރުގެ ތެރޭގަ އެވެ. މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބުމަށް ވަނީ މަގުފަހިކޮށްދީފަ އެވެ.
މެޑިކަލް ސެގްމަންޓްގެ ތާރީޚުގައި އިންޓަރނެޝަނަލް ޓްރޭޑެއް، މޮރިޝަސްގެ ކުންފުންޏަކަށް ހަދާފައިވަނީވެސް ހަމަ މި އަހަރުގެ ތެރޭގައި އެވެ. މިއީ މެޑިކަލް ސެގްމަންޓް އަދި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ފުރުސަތެކެވެ. އަދި އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި މި ޕްރޮގްރާމް ފަށާފައިވެ އެވެ.
މިއީ އެސްޓީއޯގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ. މި ފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަދިވެސް ހުއްޓުމެ އްނެތި އެސްޓީއޯއިން ދަނީ ކުރަމުންނެވެ. ރައްޔިތުންނާއި މި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯ އިން ދަނީ ކުރަމުންނެވެ.