ފީފާ ވޯލްޑް ކަޕްގައި ރޭ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ ނުޖެހުމުން ރުޅި އައި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ރޭގެ މެޗުން 2-0 އިން ޕޮލެންޑް ބަލިކުރުމަށް ފަހު އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އާޖެންޓީނާ ދެވަނަ ބުުގައި ބައްދަލުކުރާނީ ގްރޫޕް ޑީ ގެ ދެވަނަ އަށް ދިޔަ އޮސްޓްރޭލިޔާއާ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އަށް ލީޑު ނަގައިދޭން ޕެނަލްޓީއެއް ލިބުނު ނަމަވެސް މެސީ ފޮނުވާލި އެ ޕެނަލްޓީ ދިފާއުކުރީ ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ އެވެ. މިއީ މި ވޯލްޑް ކަޕްގައި ޝެޒްވީ މަތަކުރި ދެވަނަ ޕެނަލްޓީ އެވެ.
Need a penalty saved? Just call this guy 🤙🇵🇱@LaczyNasPilka | #FIFAWorldCup pic.twitter.com/ANHC1ADcug
— FIFA World Cup (@FIFAWorldCup) November 30, 2022
މެޗަށް ފަހު ވާހަކަދައްކަމުން މެސީ ބުނީ ޕެނަލްޓީ ޖެހުނު ނަމަ މުޅި މެޗު ބަދަލުވާނެކަން އެނގޭ ކަމަށާއި އެހެންވެ ޕެނަލްޓީ ނުޖެހުމުން ވަރަށް ރުޅި އައި ކަމަށެވެ. ނަމަވެސް އޭނާ އަށް ޕެނަލްޓީ ނާކާމިޔާބު ކުރެވުމުން ދެވަނަ ހާފްގައި ޓީމުން ނިކުތީ އިތުރަށް ވަރުގަދަކޮށް ކަމަށާއި ފުރަތަމަ ގޯލަށްފަހު ހުރިހާ ކަމެއް ވެސް ދިޔައީ އާޖެންޓީނާ އަށް ރަނގަޅު ގޮތަކަށް ކަމަށް މެސީ ބުންޏެވެ.
"އެ ގޯލަށް ފަހު ވޯލްޑް ކަޕް ފެށުނީއްސުރެ އަހަރަމެން ކުރަން ބޭނުންވި ކަންކަން ވެސް ކުރެވުނު. ރޭގެ މެޗުގައި އެ ކަންކަން ކުރެވުމަކީ ކުރިއަށް ހުރި މެޗުތަކަށް ލިބުނު އިތުބާރެއް." މެސީ ބުންޏެވެ.
ދެވަނަ ބުރުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތް ކުރަމުން މެސީ ބުނީ ކޮންމެ ބަޔަކު އިދިކޮޅަށް ކުޅުނު ކަމަށްވީ ނަމަވެސް އެ މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށެވެ. އެގޮތުން ކޮންމެ ޓީމެއް ކައިރީގައި ވެސް ރަނގަޅަށް ކުޅެ މޮޅުވެވޭނެކަން މި މުބާރާތުގައި ހާމަވެގެން ގޮސްފައިވާ ކަމަށް މެސީ ބުންޏެވެ.
އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ ދެވަނަ ބުރުގެ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.