Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ބިން ލިބުނު މީހުންނާ އެސްޑީއެފްސީން ބައްދަލުކޮށްފި

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު މީހުންނާ، އެ މަޝްރޫއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބައްދަލުކޮށްފި އެވެ.

ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި އައްޑޫގެ އެކި އަވަށްތަކުގެ ޓޫރިޒަމް ޒޯންތަކުން ބިން ލިބުނު މީހުން ބައްދަލުވުމުގއި ބައިިވެރިވެ، އެ މީހުންނަށް މި ވަގުތު ދިމާވެފައި ހުރި ގޮންޖެހުންތައް ހިއްސާކޮށްފައިވެ އެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިން ލިބުނު މީހުންނަށް ޕްރޮޕަޓީ ޑެވެލޮޕްކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ބައްދަލުވުމުގެ ބޭއްވި މިބައްދަލުވުމުގެ ތެރެއިން ޓޫރިޒަމް ޒޯންތަކުން ބިންލިބުނު ފަރާތްތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ހައްލުލިބުމުގެ އިތުރުން، އައްޑޫގެ ޓުއަރިޒަމް ފުޅާކުރުމަށް ކުރެވޭ މަސައްކަތައްމިމަޝްވަރާގެ ތެރެއިން ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ޓޫރިޒަމް ޒޯންތަކުގެ ބިންތަކުގައި ޓޫރިސްޓް ފެސިލިޓީތައް ހަދަން ފައިސާ ހަމަޖެހިފައިވާ ވާހަކަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ މިދިޔަ މަހުގެ 10 ގައި އައްޑޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޓޫރިޒަމް ފޯރަމްގަ އެވެ.

އޭގައި މިނިސްޓަރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރަން އެހީތެރިކަން ދޭން ނިންމާފައި އޮތް ގޮތަކީ އެސްއެމްއީ ބޭންކުން ކޮންޓްރެކްޓަ ފައިނޭންސަރެއް ހޯދައިގެން ތަންތަން ތަރައްގީކުރުން ކަމަށެވެ.

"އެހެންވީމަ ތި ބޭފުޅުންގެ ޕްރެޓިކަލް ޑިޒައިންތަކަށް އަގުހެޔޮ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ އެމްއެފްސީ އާއި އެޗްޑީއެފްސީން ތި ބޭފުޅުންނާ ވާހަކަ ދައްކަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ކޮންޓެރްކްޓަރު އެ ގެންގުޅޭ އަގުތަކަށް ފިޓްވާ މޮޑެލްތަކަކަށް ޑިޒައިން ކުރުމާއި ކަންކަން ކުރިއަށް ދާނީ. އެކަން ކޮށްފައި ތި ބޭފުޅުންނާ އެކީގައި އެސްއެމްއީ ބޭންކާ އެކީ ލޯނެއްގެ ގޮތުގައި ހަމަޖެހިގެން ދާނީ. އެއީ ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ގޮތަށް. އަޅުގަނޑަށް ފެންނަ ގޮތުގައި މިކަން އެންމެ ކާމިޔާބުކޮށް ގެންދެވޭނެ މޮޑެލްކަށް އެކަން ކުރެވޭނެ ގޮތަކީ މިއީ."

ފައްޔާޒް ވިދާޅުވީ އެ އުސޫލަށް ތަންތަން ތަރައްގީކުރަން ބޭނުން ނުވާ ބަޔަކު ތިބި ނަމަ އެ ބަޔަކު އެހެން ގޯތެއް އަމިއްލަ އަށް ހޯދާނީ އެވެ.

އައްޑޫގެ ފަސް ޓޫރިޒަމް ޒޯނެއް ކަނޑައަޅައި އެތަންތަނުން 98 ބިމެއް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު ފައިނޭންސް ލިބުމުގައި ހުރި ދަތިތަކާ ހެދި އެއްވެސް ބިމެއްގައި މިހާތަނަށް ފެސިލީޓީއެެއް ހެދިފައެއް ނެތެވެ.

މި ބިންތައް ތަރައްގީކުރުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އިތުރުކުރަން ރާވާފައިވާ ޕްލޭނުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެކެވެ. އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.