އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެން ވެސް އެމްޑީޕީ ވެރިކަމަށް އައުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވާތީ އެކަމާ ގުޅުވައިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމަކީ ގައުމާއި ރައްޔިތުންނަށްޓަކައި ނިންމެވި މުހިއްމު ނިންމުމެއް ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ ތާއީދު [ރައީސަށް] ލިބޭނެ. މި ހާލަތުގައި އެމްޑީޕީގެ ވެރިކަމެއް އުފައްދައި ދިނުމުގެ ފުރުސަތު އެންމެ ބޮޑު އެމްޑީޕީގެ މެމްބަރަކީ ރައީސް ސޯލިހު،" ނިހާދު ވިދާޅުވި އެވެ. "ބޭނުމީ ވެރިކަން."
Riyaasee Primaries gai vaadha kuravvan Raees @ibusolih ninmevi ninmevumakee gaumaai Rayyithunnah takai Muhimmu ninmumeh!
Alhuganduge furihama Thaaeedh libeyne! Mi haalathugai, MDP ge verikameh ufahdhai dhinumuge furusath Enme Bodu MDP member akee Raees Solih! Beynumee Verikan!!!— Feydhoo Meehaa (Mohamed Nihad) (@nihad_m) November 30, 2022
ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ މާދަމާ ގދ. ތިނަދޫގައި ކެމްޕޭން ލޯންޗްކުރަން އަންނަނީ ތައްޔާރީތައްވަމުންނެވެ.
ރައީސް ސޯލިހާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ރައީސާ އެކީ ސިޔާސީ މަސައްކަތްކުރައްވަން ބޭނުން ނުވާ ކަމަށާއި ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރެވެން ނެތް ކަމަށް ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ
ރައީސާއި ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދި، އެމްޑީޕީ މިހާރު އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.
ރައީސް ސޯލިހަށް ތާއީދުކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން އާންމު މެމްބަރުން ބުނާ ގޮތުގައި ރައީސަށް ދެވަނަ ދައުރެއް ދޭން ޖެހެ އެވެ. ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ މި ފަހަރު ވަނީ ރައީސް ސޯލިހާއި ނަޝީދުގެ ވަރުގަދަ "ތަޅާލުންގަނޑަކަ" ށެވެ.
ރައީސް ނަޝީދަކީ ވެރިކަން ކުރައްވަން ލިބިވަޑައިގަތް ފުރަތަމަ ދައުރުގައި، ދައުރުގެ މެދުތެރެއިން ފެބްރުއަރީ 7، 2012 ގައި އަމިއްލަ އަށް އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އެކަމަކު ފަހުން ވިދާޅުވީ ވެރިކަން ބަޢާވާތަކުން ވައްޓާލީ ކަމަށެވެ.