ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ ބަލިވެއިން ކަމަށް ދޭހަވާ ގޮތަށް ނޫހަކުން ފެތުރި ޚަބަރަކާ ގުޅިގެން އޭނަ ރުޅިގަދަވެއްޖެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި އިއްޔެ "މަލައިކާ އިނީ ބަލިވެތޯ" ސުރުހީގައި އަހައި ގެނެސްދިން އާޓިކަލްގެ ސްކްރީންޝޮޓަކާ އެކީ އިންސްޓަގްރާމް ސްޓޯރީގައި އެ ލިޔުނު ނޫސްވެރިޔާ ނިކިތާ ދަލްވީ އަށް ވަރަށް ބޮޑަށް މަލައިކާ އެއްޗެހި ކިޔާފައިވެ އެވެ. އޭނާ ބުނީ އެ ނޫސްވެރިޔާ އަކީ ތަކުރާރުކޮށް އެފަދަ ތާކުންތާކު ނުޖެހޭ ހަގީގަތާ ހިލާފު ވާހަކަައް ފަތުރާ ނޫސްވެރިއެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނިކިތާ އާންމުކޮށް ފަތުރަނީ އޭނަ އެ ފަތުރާ އަސާސެއް ނެތް ވާހަކަތަކަށް ބަޔަކު އަޅާނުލާތީ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ހަގީގަތާ ހިލާފު ބުހުތާނު ވާހަކަ ފަތުރައި ޒާތީ ދިރިއުޅުމާ ނުބެހުމަށް މަލައިކާ އިންޒާރު ދީފައިވެ އެވެ.
މަލައިކާ ބަލިވެއިންކަމަށް ދޭހަދާ ގޮތަށް ޕިންކްވިލާ އިން ޚަބަރު ފަތުރާފައި ވަނީ 49 އަހަރުގެ ކުރީގެ ސުޕަމޮޑެލް އަދި ބޮލީވުޑްގެ އައިޓަމް ގާލްގެ އާ އައިޓަލް ލަވައެއް ގެނެސްދީ އާ ރިއަލިޓީ ޝޯއެއް ވެސް ގެނެސްދޭން އިއުލާންކޮށްފައި ވަނިކޮށެވެ. މަލައިކާގެ އާ އައިޓަމް ލަވަ އަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ ފިލްމުގައި ހިމެނޭ "އާޕް ޖެއިސާ ކޮއީ" އެވެ. އޭނަގެ ރިއަލިޓީ ޝޯ އަކީ މި މަހުގެ 5 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ "މޫވިން އިން ވިތު މަލައިކ އަރޯރާ" އެވެ.
View this post on Instagram
އަރުޖުން، 37، އާއި މަލައިކާ ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރެއް ދުވަސް ވަނީ ވެފަ އެވެ. މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ. މަލައިކާ އާއި އަރުބާޒަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ އަރުހާން ޚާން، 20، އެވެ.