Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް--

ކޯޓު ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ގެ 30 ވަނަ މާއްދާގެ (ހ) ގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި، ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

"މި އޮފީހުން ހޯދި މަޢުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފައެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ހުކުމާ އެއްގޮތަށް ޖުރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ގަވާއިދުގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށެވެ.