Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

އެހީވުމުގައި އިންޑިއާ އާއި ޗައިނާ ވަރަށް ތަފާތު

ރާއްޖެ އަށް އެހީވުމުގައި އިންޑިއާ އާއި ޗައިނާގެ ސިޔާސަތު ވަރަށް ތަފާތު ކަމަށާއި އެހެންވެ ދެ ގައުމު އެއް މިންގަނޑަކުން ނުކިރޭ ނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް އަންގާރަ ދުވަހު އިތުރަށް ދިން 100 މިލިއަން ޑޮލަރުގެ އެހީއާ ގުޅޭ ގޮތުން ނަޝީދު ގެންގުޅުއްވާ ޓްވީޓެއް އެކައުންޓެއް ކަމަށް ތުހުމަތުކުރާ ހަސަން ކުރުސީގެ ޓްވީޓެއްގެ ރައްދުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް އެހީވަނީ މިނިވަންކަމާ އެކީ ރާއްޖެ ތަރައްގީކުރަން އެހީވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ޗައިނާ އިން ރާއްޖެ އަށް އެހީވަނީ ދަރަނީ ދަންތުރައެއްގައި ޖައްސަން ކަމަށް ވިދާޅުވި އެވެ.

އިންޑިއިން ރާއްޖެ އަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ އެއީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށް މި ވަގުތު ލިބުނު ވަރަށް ބޮޑު އެހީތެރި ކަމެއް ކަމަށެވެ. އަދި އެއީ ނެތެމުން ދިޔަ ބޭރުގެ ފައިސާގެ ރިޒާވަށް ވެސް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި އިންޑިއާ އަށް ޝުކުު އަދާކުރެއްވި އެވެ.

އިންޑިއާ އާއި ޗައިނާ އިން ރާއްޖެ އެހީވުމުގައި ދެ ގައުމުން ގެންގުޅޭ ސިޔާސަތުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި އިރު، މަޖިލީހުގެ ރައީސަކީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޗައިނާއާ ބެހޭ ގޮތުން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކަށް އެ ގައުމުން މީގެ ކުރިން ރައްދު ވެސް ދީފައިވެ އެވެ.

ހަސަން ކުރުސީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަބަދު އެހީ ހޯދަން އިންޑިއާ އާއި ޗައިނާ އަށް ބަރޯސާވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ރާއްޖޭގެ ހަރުމުދާތައް އެ ގައުމުތަކަަށް ވިއްކައިލަން ޖެހިދާނެ ކަމަށެވެ.