އިންޑިއާގެ އަސްކަރީ ބަތަލެއް ކަމަށްވާ ސޭމް މަނެކްޝޯ ނުވަތަ މަޝްހޫރު ނަމުން ނަމަ ސޭމް ބަހާދޫރުގެ ރޯލު، ވިކީ ކޯޝަލް ކުޅެފައިވާ ފިލްމު "ސޭމް ބަހާދޫރު" ގެ ޓީޒާ މިއަދު އާންމުކޮށް، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.
"ރާޒީ" އާއި "ތަލްވާރު" އާއި "ޗަޕާކް" ފަދަ ފިލްމުތައް ގެނެސްދިން މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 1 ގަ އެވެ. "ސޭމް ބަހާދޫރު" އަކީ 2018 ގެ "ރާޒީ" އަށް ފަހު، މެގްނާއާ އެކީ ވިކީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އަދި މިއީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ތާރީހީ ޝަހުސިއްޔަތެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ކުޅުނު ދެވަނަ ފަހަރެވެ.
މިދިޔަ އަހަރު ޑައިރެކްޓަރު ޝޫޖިތު ސިރްކާ ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ޝޭރު އުދަމް ސިންގްގެ ރޯލު ވިކީ ކުޅުނު ފިލްމެކެވެ. އެ ފިލްމުން ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރަށް ފިލްމުފެއާގެ ކްރިޓިކްސްގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.
"ސޭމް ބަހާދޫރު" ގެ ވާހަކަ ބިނާކޮށްފައިވާ ސޭމް ބަހާދޫރަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައު ކުރި ހަނގުރާމައިގެ ބަތަލެކެވެ. އޭރު އޭނަ އަކީ އިންޑިއާގެ އަސްކަރިއްޔާގެ ވެރިޔާ އެވެ.
"ސޭމް ބަހާދޫރު" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ފާތިމާ ސަނާ ޝައިހް ވެސް ހިމެނެ އެވެ. މީގައި ފާތިމާ ފެންނާނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.
ވިކީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ކްރައިމް ކޮމެޑީ "ގޯވިންދާ ނާމް މޭރާ" އެވެ.