ރާއްޖޭގައި ބިދޭސީންނަށް ވެސް މަސްވެރިކަމުގައި އުޅެވޭ ގޮތަށް ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
ގަވާއިދުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް އުޅެވޭނީ މަސް ދޯންޏެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކެއްކުން ފަދަ ކަންކަމުގައި އެކަންޏެވެ. އަދި މަސްދޯންޏެއްގައި އެގޮތަށް އުޅެވޭނީ ގިނަވެގެން ދެ ބިދޭސީއަކަށެވެ. އަދި އެގޮތަށް ގެންގުޅޭ ބިދޭސީންނަށް ވެސް ހާއްސަ ކޯޓާއެއް ނަގަން ޖެހޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ގަވާއިދާށް އަލަށް ގެނައި އިސްލާހުގެ ދަށުން މަސްދޯނިފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އުޅަނދެއްގެ ކުޑަ ބޮޑުމިނުންނެވެ. އަދި މަސްވެރިންގެ ގޮތުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ފުރުސަތު މި ވަނީ ފަހިކޮށް ދީފަ އެވެ. އެގޮތުން 15 ފޫޓަށް ވުރެ ކުދި އުޅަނދުތަކުގައި 4 ބިދޭސީން، 15-24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން، އަދި 24 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުގައި 8 ބިދޭސީންނަށް އުޅެވޭނެ އެވެ.
ގަވާއިދުގައިވާ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކް ޕާމިޓެއް އޮންނަ ބިދޭސީންނަށް ވާންޖެހޭނެ އެވެ. އަދި މަސްދޯނިފަހަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބިދޭސީން ގެންގުޅެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ކޯޓާ ހޯދައިގެންނެވެ.
މަސްވެރިކަމުގައި ބިދޭސީން ގެންގުޅެން ރަސްމީކޮށް މަފަހިވުމުގެ ކުރިން ވެސް މަސްވެރިކުގައި ބިދޭސީން ހަރަކާތްތެރިވާކަމުގެ ވާހަކަތައް ދެކެވެ އެވެ. ކުރިން މަސްވެރިން ސިފަކުރަނީ ރާއްޖޭގެ ލޭނާރުގެ ގޮތުގަ އެވެ.